Advertisement

ކޯޓަށް ހާޒިރުކުރަން މަންޑޭ ނުފެނިގެން ހޯދަނީ!

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް އެ މައްސަލާގައި ހުކުމް އިއްވުމުގެ ޝަރީއަތް ބާއްވަން މާދަމާ އަށް ކަނޑައަޅާފައިވާއިރު އޭނާ ނުފެނިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ އަޑުއެހުން ކެންސަލް ކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދުނު ކަމަށެވެ. އަދި “މާތްﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން” މަންޑޭގެ ފަރާތުން އެދުނު ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް އިއްޔެ ވިދާޅުވެފައި ވެ އެވެ.

Advertisement

އެކަމަކު، މަންޑޭ ކޯޓަށް ހާޒިރުނުވުމުން، އެހެން މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މަންޑޭ ކޯޓަށް ހާޒިރު ނުވާތީ، ކޭޕާކު މައްސަލައިގެ ހުކުމް އިއްވުން މާދަމާ އަށް ފަސްކޮށްފައިވާއިރު، އޭނާ ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަން އެނގިފައި ވެ އެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު މިހާތަނަށް ކާމިޔާބެއް ނުވާ ކަމަށް ވެ އެވެ.

ކޭ ޕާކް ހަދަން ހަވާލުވި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އަދި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެ އެވެ.

ކޭ ޕާކް މައްސަލާގައި ޖައިޝާންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން އޮޅުވާލުމުގެ އެއް ދައުވާ ސާބިތުވާ ކަމަށް ގާޒީ އިއްޔެ ނިންމެވި އެވެ. އަދި އެ ދައުވާގައި ޖަލު އަދަބެއް އަންނާނެ ކަމަށް ބެލެވޭތީ، އެ މައްސަލަ ނިމެންދެން ޖައިޝާން ބަންދުކުރަން ގާޒީ އަމުރު ކުރެއްވި އެވެ.

މަންޑޭ އިއްޔެ ކޯޓަށް ހާޒިރު ނުވެގެން ހުކުމް ފަސްކުރަން ޖެހުނު އިރު، މިދިޔަ ޖޫން މަހު ވެސް އޭނާ ކޯޓަށް ހާޒިރު ނުވާތީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އެ ދައުވާތައް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތެއް ޖަލު ހުކުމެއް މަންޑޭ އަށް އަންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ