Advertisement

ލޯކަލް ކައުންސިލުތަކުގެ އިންތިހާބު އޭޕްރީލް 4، ގައި ބާއްވަން ނިންމައިފި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް 4، ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އިލެކްޝަންސް އިން ބުނީ އޭޕްރީލް 4، ގައި ބާއްވާ އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ ކަމަށެވެ.

Advertisement

ނަމަވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާނީ ކޮން ދުވަހަކު ކަމެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާ 7،000 އޮފިޝަލުން ހޯދަން އިލެކްޝަނުން އިއުލާންކޮށްފައިވާއިރު، ޝައުގުވެރިވާ ފަރާތްތައް ޑިސެމްބަރު 21، ވާ އާދީއްތަ ދުވަހު 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް އިލެކްޝަންސް ޕޯޓަލްއިން އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް އިލެކްޝަނުން ވަނީ އިއުލާންކޮށްފަ އެވެ. މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޓިވް، މީޑިއާ، ޕަބްލިކް ރިލޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެ އެވެ.

ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ޕްލޭންކުރީ އަންނަ އަހަރުގެ މާޗު 28، ގަ އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމީ ޖެނުއަރީ 17، ގަ އެވެ. ނަމަވެސް އެ ތާރީހުތައް ފަސްކުރި ސަބަބެއް އިލެކްޝަނުން ނުބުނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ކުރިން ވިދާޅުވީ ކައުންސިލް އިންތިހާބަށް އެންމެ މަދުވެގެން 70 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށެވެ.

ހަރަދު ކުޑަކުރަން މިފަހަރު ކެންޑިޑޭޓުން ކެންޑިޑެންސީ ކަރުދާހުން ހުށަހެޅުމުގެ ބަދަލުގައި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެކަން ފުރިހަމަކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.

އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހާމަނުކުރާތީ އެމްޑީޕީން ވަނީ މިދިޔަ މަހު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕާޓީން ބުނީ ސިޓީތަކުގައި އެކުލެވޭ ދާއިރާތައް ކަނޑައަޅައިފައި ނުވުމުގެ ސަބަބުން، އެ ތަންތަނުގައި ޕްރައިމަރީ ބާއްވާފަހުން އަންނަ ބަދަލާއެކު އަލުން ކެންޑިޑޭޓުން ކަނޑައަޅަންޖެހުން ނުވަތަ ޕްރައިމަރީ ބާއްވަންޖެހިދާނެ ހާލަތު ދިމާވުންފަދަ އެތަކެއް ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް