Advertisement

ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތައް ފެއިލްވެ، ބޭރުގެ އެހީ ހޯދުމަށް ނުކުޅެދިއްޖެ: އަބްދުﷲ ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ސަރުކާރުގެ މާލީ ސިޔާސަތާއި ޚާރިޖީ ސިޔާސަތަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ. ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުންނާއި ބޭރުގެ މާލީ އެހީ ހޯދުމުގައި ސަރުކާރަށް ދިމާވެފައިވާ ނާކާމިޔާބީއާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.

އެމަނިކުފާނު ޓްވިޓަރ (އެކްސް) ގައި ޝާއިޢުކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން މި އަހަރު ބޭރުގެ މާލީ އެހީގެ ގޮތުގައި 7 ބިލިއަން ރުފިޔާ ހޯދުމަށް ރޭވި ނަމަވެސް، މިހާތަނަށް އެއްވެސް ރުފިޔާއެއް ބޭރުގެ ބާޒާރުން ނުވަތަ އެއްވެސް ޤައުމަކުންވެސް ހޯދިފައިނުވާ ކަމަށެވެ. ޝާހިދު ވިދާޅުވިގޮތުގައި މިއީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ފެއިލްވެފައިވާކަމުގެ ސާފު ހެއްކެކެވެ.

Advertisement

“ބޭރުގެ ގައުމުތަކުން ރާއްޖެއަށް އޮތް އިތުބާރު ވަނީ ގެއްލިފައި. ސަރުކާރުގެ ޚާރިޖީ ސިޔާސަތުވެސް ފެއިލްވެފައިވާކަން މިއީ ސާފު ހެއްކެއް. މިކަމުގެ ސަބަބުން މިހާރު ދިވެހިރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވޭ،” އެމަނިކުފާނު ވިދާޅުވިއެވެ. ޝާހިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ މާކެޓުގައި ރާއްޖެއަށް އޮތް ގަދަރާއި އިތުބާރު ވަނީ ކެނޑިގެން ގޮސްފައެވެ. މިއީ ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ ނަތީޖާއެއްކަމަށް ޝާހިދު ދެކެވަޑައިގަންނަވައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން ޝާހިދު ވިދާޅުވެފައިވަނީ، މިއީ އެއްވެސް ގޮތަކަށް އޮޅުންފިލާނެ ބަޖެޓެއް ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، މި ބަޖެޓަކީ އިޤްތިޞާދީ އަސާސްތަކާ ދުރު، އަދި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޙަޤީޤަތްތަކާވެސް ހެޔޮވަރަށް ދުރު ބަޖެޓެކެވެ.

“މުދަލުގެ އަގުތައް ބޮޑުވެ، ވިޔަފާރިތައް އިނދަޖެހެމުންދާއިރު، އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ގޮތްދަތިވެފައިވޭ. އަންނަ އަހަރު މިކަންކަމަށް ހައްލެއް ލިބި، ދިރިއުޅުން ރަނގަޅުވާނެ ކަމުގެ އެއްވެސް އުންމީދެއް މި ބަޖެޓުން ނުފެނޭ،” “ހަމަ އެއްވެސް ހިތްހަމަޖެހުމެއް، އަދި އެއްވެސް އިތުބާރެއް ނެތް. އަނެއްކާވެސް އަޅުގަނޑުމެންނަށް އިތުރު އަހަރެއް ގެއްލެނީ. އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވާނެ،” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، މިހާރުގެ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ