ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި މާސްޓާސް އަށް ކިޔަވަމުންދާ ދަރިވަރުންނަށް “ދި މައުމޫން ފައުންޑޭޝަށް” ގެ ފަރާތުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މައުމޫން ފައުންޑޭޝަން އިން ވިދާޅުވީ، އެއީ ދިވެހިރާޢްޖޭގެ ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.
އެ ސްކޮލާޝިޕް ވަނީ 3 ދާއިރާއަަކަށް ހުޅުވާލެވިފައެވެ. އެ 3 ދާއިރާ އަކީ:
- މާސްޓާސް އޮފް ފިޤްހު
- މާސްޓާސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު، ލީޑާރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
- މާސްޓާސް އޮފް އާޓްސް އިން ޤުރުއާނިކް ސައިންސަސް
އެ ސްކޮލާޝިޕަށް މައުމޫން ފައުންޑޭޝަނުން ހަރަދުކުރަން ނިންމި ނަމަވެސް އެ ސްކޮލާޝިޕަށް ދަރިވަރުން ހޮވުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް ޔުނިވާސިޓީ އިން ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
ކުރީގެ ރައީސް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އިސްނަންގަވައިގެން އުފެއްދެވި މި ފައުންޑޭޝަން އުފައްދާފައިވަނީ 26 ޖެނުއަރީ 2010ގައެވެ. މި ފައުންޑޭޝަންގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމެވެ.
ދިވެހި ޒުވާނުންނަށް ތައުލީމީ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މައުމޫން ފައުންޑޭޝަންގެ ފަރާތުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު