Advertisement

ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރުން ރަނގަޅު: މިނިސްޓަރ ޝަހީމް

ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ރަނގަޅު ކަމަށާއި ހަލާލު ޓޫރިޒަމަކީ ކުޑަދޮރުން ބޭރު ބަލާއިރު، ބިކިނީ ފެންނަ ޓޫރިޒަމެއް ނޫން ކަމަށް އިސްލާމިކް  މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ދައްކާ ފައިސާ އިސްލާމީ ޝަރީއާ ހުއްދަ ކުރާ މަގުން އިންވެސްޓު ކުރަންޖެހޭ ކަމަށެވެ. އަދި އެގޮތަށް އިންވެސްޓު ކުރާ ފައިސާ ހަލާލް ޓޫރިޒަމަށް އިންވެސްޓު ކުރުމަކީ ރަނގަޅު ކަމަކަށް ވެދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

Advertisement

“ހައްޖު ކޯޕަރޭޝަނުން ގާއިމުކުރާ އިންވެސްޓުމެންޓުތަކަކީ އެއްވެސް ޝުބުހައެއް ނެތް އިންވެސްޓުމެންޓުތަކަކަށް ވާންޖެހޭނެ، އެހެނީ ހައްޖުގެ އަޅުކަމަކީ ނުހަނު މަތިވެރި އަޅުކަމަކަށްވުން، އެ އަޅުކަން ހޭދަކުރާ ފައިސާއަކީ ފުރިހަމަ ތާހިރު އެއްޗަކަށް ވާންޖެހޭނެ،” މިނިސްޓަރު ވިދާޅުވި އެވެ.

“ހައްޖު ކޯޕަރޭޝަނުން ވަކި ރަށެއް ނަގައިގެން އަމިއްލައަށް ނުވަތަ ބޭރުގެ އިސްލާމީ އެހެން މުއައްސަސާއަކާ ގުޅިގެން ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ހައްޖުގެ އަޅުކަމުގެ އަގު ކުޑަކުރަން ރަނގަޅު ފައިދާއެއް ލިބޭނެ މަގަކަށް ވެދާނެ.”

ހަލާލް ޓޫރިޒަމަކީ އިސްލާމީ ސަގާފަތާ އެއްގޮތް މާހައުލެއްގަައި ކުރެވޭ ކަމެއް ކަމަށާއި އެއީ ވަކި އުސޫލެއްގެ ދަށުން ކުރެވޭ ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝަރުއީ ހަމަތަކުގެ މަތިން ކުރެވޭ ކަންކަން އެ ނޫން ގޮތަކަށް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަނުން އެކި ކަންކަމަށް އިންވެސްޓްކުރާއިރު، އެ ކަންކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“މިސްކިތުގައި ނަމާދަށް ގޮސް ހުންނައިރުގައި ކުޑަދޮރުން ބޭރު ބަލާލީމާ ބިކިނީ ފެންނަ މާހައުލަކީ ހަލާލް ޓޫރިޒަމްގެ މާހައުލެއް ނޫން،” މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ޝަހީމް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ޝަހީމް ވަނީ ހައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެ ކ. މާފުށީގައި ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން އިއުލާނު ކުރިއިރު އޭނާއާ އެކަން ހިއްސާ ނުކުރުމުން މީގެ ކުރިން ނުރުހުން ވެސް ފާޅުކުރައްވައިފަ އެވެ.

ހައްޖު ކޯޕަރޭޝަނުން މާފުށީގައި ޓުއަރިޒަމްގެ ވިޔަފާރި ކުރަން އުޅޭކަން ހާމަ ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނޮވެމްބަރު، 2024، ގައި ވާހަކަ ދައްކަވަމުންނެވެ.

“އިންވެސްޓުކުރާ ފަރާތްތަކެއް އަޅުގަނޑުމެންނާ އެޕްރޯޗްވެސް ކޮށްފައި ވަނީ. މާފުށްޓަކީ މިހާރުވެސް ޓޫރިޒަމަށް އެސްޓެބްލިޝްޑް ތަނެއް ވީމާ ވަރަށް ރިސްކު ކުޑަ މި ވިޔަފާރީގައި،” ޝަކީލް ވިދާޅުވި އެވެ

ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ޑިސެމްބަރު، 2024، ގައި ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަނުން ރަނގަޅު ނޫން ކަމަށެވެ.

“ހުރިހާ ކުންފުނިތަކުން، އެޗްޑީސީ އާއި ނޫން ކަމަށްވެއްޖެއްޔާ ހައްޖު ކޯޕަރޭޝަން އާއި ނޫނިއްޔާ ފެނަކައާ އެންމެން ގެސްޓުހައުސް އާއި ރިސޯޓު ހެދީމާ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،” ޒަމީރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް