Advertisement

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ހޯލްސޭލް ވިޔަފާރި ނުކުރެވޭ ގޮތް ހަދައިފި

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ހޯލްސޭލް ވިޔަފާރި ނުކުރެވޭ ގޮތަށް ސަރުކާރުން އިސްލާހު ގެނެސްފައިވާ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް މިއަދު ޝާއިއުކޮށްފިއެވެ.

މިއީ ރާއްޖޭގެ އިގުތިސާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް ދިވެހީންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ގެނެސްފައިވާ އިސްލާހުތަކެވެ.

Advertisement

އިގުތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވި އެ އިސްލާހުތަކަކީ، ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިގްތިސާދީ ސިނާއަތްތައް ދިވެހި ވިޔަފާރިވެރިންނަށް ހާއްސަކޮށް، އަދި ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާއާއި އިންވެސްޓްމަންޓް ބޭނުންވާ ދާއިރާތަކަށް އިންވެސްޓަރުންނަށް ފުރުސަތު ފަހިވާނެ ގޮތަށް ގެނެވިފައިވާ އިސްލާހުތަކެއް ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މުހިންމު އިސްލާހުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެ ވުޒާރާއިން މިއަދު ޝާއިއުކުރި މި އެންޓްރީ ރިކުއަރމަންޓްސްގައި ބުނެފައިވާ ވާގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި، އޭގެ ޝަރުތުތަކާއި، އަދި ޖޮއިންޓް ވެންޗަރު އުސޫލުން އިންވެސްޓް ކުރެވޭނެ ދާއިރާތަކުގެ އިތުރުން، ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވެއެވެ.

ދާއިރާތައް ބެހިފައިވާގޮތް:

  • ބޭރުގެ އިންވެސްޓްމަންޓްތަކަށް އެއްކޮށް ހުޅުވާލެވިފައިވާ ދާއިރާތައް
  • ޖޮއިންޓް ވެންޗަރ އުޞޫލުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ދާއިރާތައް
  • ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރުން މަނާ ދާއިރާތައް

ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމާފައިވަނީ ދައުލަތުގެ އިދާރާތަކާއި، އިންވެސްޓަރުންނާއި އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު، ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި ދިވެހި ވިޔަފާރިތަކަށް ފުރުސަތު އިތުރުކޮށް، އަދި މަންފާާ އެންމެ ހެޔޮ ގޮތުގައި ލިބޭނެގޮތަށް ރިއާޔަތްކުރުމަށްފަހުއެވެ. އެހެންކަމުން މިއެ ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް، ދިވެހިންނަށް ޚާއްސަ ކުރުމާއެކު، ދިވެހީންގެ ކެރިފޯރުންތެރިކަމާއި ކުޅަދާނަކަން ނެތް ދާއިރާތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ސަރުކާރުން ގެންނެވި ބަދަލާއެކު، މިހާރު ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި އިތުރަށް ފައިތިލަ ސާބިތުކޮށް، އިގުތިސާދީ ނަފާ ހޯދައި، ގައުމުގެ ތަރައްގީގައި ދިވެހީންގެ ޙިއްސާ ބޮޑުވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފޮރިން އިންވެސްޓްމަންޓަގެ އުސޫލަށް ގެނައި ބަދަލުގެ ތެރޭގައި ދިވެހީންނާއި ބޭރު ފަރާތްތަކުގެ މަސްލަހަތުވެސް ހިމާޔަތްކޮށްދޭ އުސޫލުތަކެއް ހިމަނާފައި ވެެއެވެ. އެގޮތުން ދިވެހީންގެ ހުނަރާއި ގާބިލުކަން އިތުރުވަމުން އަންނަކަމަށް ފާހަގަވާ ބައެއް ދާއިރާތައް މިހާރު ދިވެހީންނަށް ހާއްސަ ކުރެވިފައިވާކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ލޮޖިސްޓިކްސްގެ ހިދުމަތާއި، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތާއި، ބަންކަރިންގެ ހިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތައްވެސް ހިމެނެއެވެ.

ބޭރު ފަރާތްތަކުގެ އެހީތެރިކަމާއި ތަޖުރިބާ ބޭނުންވާ ދާއިރާތަކުގައި ކުރިއެކޭވެސް އެއްގޮތަށް ޖޮއިންޓް ވެންޗަރު އުސޫލުން އިންވެސްޓްކުރުމުގެ ފުރުސަތު، ބޭރުގެ ފަރާތްތަކާއެކު ދިވެހީންނަށް ލިބިގެންދާނެއެވެ.

އިސްލާހުގެ މުހިންމު އެއް މަގްސަދަކީ ދިވެހީންނަށް އިގްތިސާދީ މިނިވަން ހޯދައިދިނުންކަން ފާހަގަކުރައްވާ ވުޒާރާއިން ވިދާޅުވީ ދިވެހި އިންވެސްޓަރުންނާއި ކުދި ވިޔަފާރިތަކަށް ކުރިއެރުމުގެ ޖާގަ ހޯދައިދިނުމުގެ އިތުރަށް، ސަރުކާރުން މަސައްކަތް ކުރަނީ ޤައުމުގެ އިގްތިސާދުގައި ދިވެހީން ބާރުވެރި ކުރުވުމަށް ކަމަށެވެ.

ގައުމުގެ އިގްތިސާދީ ތަރައްގީގައި އެންމެންގެ ބައިވެރިވުންވެސް ހިމެނުމަށް ހިތްވަރުދޭ އެ ސިޔާސަތުތަކުގެ ސަބަބުން، އަލަށް މުރާޖައާ ކުރި ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަމަންޓްގެ ސަބަބުން، ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކުގެ އިތުރުން މިހާރުވެސް ވިޔަފާރި ހިންގަމުންދާ ފަރާތްތަކަށްވެސް ގައުމުގެ ކުރިއެރުމުގެ ބައިވެރިވެ، އިގްތިސާދީ ފައިދާ ލިބިގަތުމުގެ ފުރުސަތު ހުޅުވިގެން ދާނެކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

އިސްލާހު ކުރެވިފައިވާ އެ ގަވާއިދުތައް ތަންފީޒު ކުރަން ފެށުމާއެކު، އެ ވުޒާރާއިން ވަނީ ދިވެހި ވިޔަފާރިވެރިންނަށާއި، ޒުވާނުންނަށާއި އަދި އިންވެސްޓަރުންނަށް، އެ ހުޅުވުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް އެދިފައެވެ. އަދި ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުން ދިވެހި ވިޔަފާރި ވެރިން ކުރިއަރައިގެން ދިއުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދީފައެވެ.

އެ ވުޒާރާއިން ވިދާޅުވީ މި އިސްލާހުތަކަކީ ހަމައެކަނި ގަވާއިދުތަކަށް ގެނެވުނު ބަދަލުތައް ނޫން ކަމަށާއި މިއީ ދިވެހި ވިޔަފާރިވެރިންނަށް ބާރުވެރިކަން ދިނުމަށާއި، 2040 ވަނަ އަހަރު އަންނައިރު، ރާއްޖޭ ތަރައްގީވެފައިވާ ޤައުމެއްގެ ގޮތުގައި ހެދުމަށް، ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވާލެވިފައިވާ އިސްލާހުތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް