މާލޭގައި ހިންގާ ފަސްތަރީގެ ހޮޓެލް، ބާސެލޯ ނަސަންދުރާ ކައިރީ ބަހައްޓާފައި ހުރި ކުނިތަކެއްގައި ރޯވެ، މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ރޯވި ކުނިތައް ހުރީ ނަސަންދުރައިގެ އިރުމަތީގައި ކަމަށާއި މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ހާދިސާއާ ގުޅިގެން ދައުރުވަމުން އަންނަ ވީޑިއޯތަކާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަލިފާން ރޯވި ވަގުތު ނަސަންދުރައިގެ ބިއްދޮށަށް އޮންނަ އަމީރު އަހުމަދު މަގާއި އެ ސަރަހައްދަށް ވަރަށް ބޮޑަށް ކަޅު ދުމުގެ އަސަރުކުރިއެވެ.
ބާސެލޯ ނަސަންދުރަ ކައިރި އެއްކޮށްފައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިhttps://t.co/IVgO4sp87P pic.twitter.com/Jv65VtD1P3
— Maldives National Defence Force (@MNDF_Official) September 18, 2025
މީގެ އިތުރުން، އެ ސަރަހައްދުގައި އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔާ ފައިޓަރުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މާލޭގައި ދޭތެރެއަކުން އަލިފާނުގެ ހާދިސާތައް ހިނގައެވެ.
މިދިޔަ އޭޕްރީލް 28ގައި ހުޅުވި ނަސަންދުރައަކީ، 90 މިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި ފަސްތަރީގެ ހޮޓަލެކެވެ. އެ ހޮޓަލުގައި 136 ކޮޓަރި ހުންނައިރު، އެ ތަން ތަރައްގީކޮށްފައިވަނީ 116 ސާވިސް އެޕާޓްމަންޓާއި ޕޫލާއި އެހެނިހެން ޒަމާނީ އެތައް ޚިދުމަތެއް ލިބޭގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު