Advertisement

ރައީސަށް މެންބަރުން އައްޔަން ކުރުމުގެ ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތަށް ބިލެއް ހުށަހަޅައިފި

ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، މީޑިއާތަކުން ބްރޯޑްކާސްޓުކުރުން ހުއްޓުވޭގޮތަށް ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރަކު ހިމެނޭހެން ފަރުމާކޮށް، މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އަނެއްކާވެސް ދެވަނަ ފަހަރަށް މެންބަރު ހަންނާނު ހުށަހެޅުއްވި ބިލު ވެސް އޮތީ ވަރަށް ބޮޑަށް ސަރުކާރުގެ ނުފޫޒު ވަންނާނެހެން މީޑިއާތައް ސަރުކާރަށް ކޮންޓްރޯލްކުރެވޭ ގޮތަށެވެ.

Advertisement

އެ ބިލު އެފަހަރު އަނބުރާ ގެންދިޔައީ، އެތައް ނޫސްވެރިންނަކާއި، ޖަމިއްޔާތަކުން އެ ބިލު އަނބުރާ ގެންދަން ގޮވާލާފައި ވަނިކޮށެވެ.

މިފަހަރު ‘މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު’ އުފެއްދުމުގެ ގޮތުން ހުށަހެޅި އެ ބިލުގައިވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދަންޖެހެއެވެ.

އެ ކޮމިޝަން އުފައްދަނީ ރައީސުލްޖުމްޙޫރިއްޔާއަށް ބާރުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ހިމެނޭނެއެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އޭގެ ތެރެއިން ކޮމިޝަންގެ ރައީސް އައްޔަނުކުރައްވާނީ ވެސް މަޖިލީހަށް ހުށަހަޅުއްވައިގެން ރައީސުލްޖުމްޙޫރިއްޔާއެވެ.

ނަމަވެސް ކުރިން ކޮމިޝަންގެ ރައީސާއި ނައިބުރައީސް ވެސް އައްޔަނުކުރާނީ ކޮމިޝަންގެ ތެރެއިން ނަގާ ވޯޓަކުންނެވެ.

ކޮމިޝަންގެ މެންބަރަކު މަގާމުން އިސްތިއުފާދޭ ހާލަތުގައި ސަބަބު ބަޔާންކޮށް ހުށަހަޅަންޖެހޭނީ ރައީސުލްޖުމްޙޫރިއްޔާއަށެވެ.

މި ބިލުގައި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާ މެދު އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ކޮމިޝަނުން ރަނގަޅުކުރުމަށް އަންގާ ކަމެއް އިސްލާހުކުރުމަށް އަންގާފައިވާ މުއްދަތުގެ ތެރޭގައި އިސްލާހުނުކޮށްފިނަމަ 5،000 ރުފިޔާއާއި، 25،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ގާނޫނާ ޚިލާފުކަމެއް މީޑިއާ ނުވަތަ ނޫސް މަޖައްލާއަކުން ކޮށްފި ހާލަތުގައި 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް އެ ބިލުގައި ވަނީ ހިމަނާފައެވެ.

ވަކިން ޚާރއްސަކޮށް ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ލިބޭގޮތަށެވެ. އަދި ފަހުން، އެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދިޔުމަށްފަހު، އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތެރެއިން އެ ނޫހެއްގެ ވެބްސައިޓް ބްލޮކްކޮށް، ނުވަތަ ޓީވީއެއްނަމަ ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދެއެވެ.

މި ބިލުގައިވާ ގޮތުން ކޮމިޝަނަށް ހުށަހަޅާ ކޮންމެ މައްސަލައެއް ތަހުގީގުކޮށް ބެލުމުގެ ބާރު އެ ކޮމިޝަނަށް ލިބޭއިރު، ކޮމިޝަން އުފައްދާތާ ނުވަތަ ބިލު ތަސްދީގުކުރާތާ އަހަރެއް ކުރިން ހިނގާފައިވާ މައްސަލަތައް ވެސް އެ ކޮމިޝަނަށް ބެލޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅު ފަރާތްތަކުންނާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ތަކުރާރުކޮށް މީގެ ކުރިން ހުށަހެޅި ބިލާ ދެކޮޅަށް ވަކާލާތުކުރި ނަމަވެސް ސަރުކާރުން ރަސްމީ ސިފައެއްގައި އެކަން ކުށްވެރިކޮށްފައެއް ވެސް ނުވެއެވެ.

އެހެންނަމަވެސް، ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ބިލުގައި އޮތީ އެ މަނިކުފާނު ގަބޫލުކުރައްވާ ސިޔާސަތުތަކެއް ނޫން ކަމަށާއި އެ ބިލު މަޖިލީހުން ބޭރުކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ މިހާރަށް ވުރެ ވެސް ބޮޑަށް މީޑިއާތަކަށް މިނިވަންކަންދީ، މީޑިއާތައް ބާރުވެރި ކުރުވުމަށް ކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވި ނަމަވެސް، އަލުން މިވަނީ އެފަދަ ބިލެއް އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފައެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް