ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދިނުމަށް ޓަކައި މަތީ ސާނަވީ އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލް އިސްލާހުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭ ލެވެލް އަށް ގްރޭޑް 11 އަދި 12 އަށް ވަދެވޭނެ ތިން ގޮތް ކަނޑައަޅާ، ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވާފައެވެ. އެއީ އެކަޑަމިކް ސްޓްރީމާއި ސްކޫލުގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިއުކޭޝަނާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ. މިނިސްޓްރީން ފޮނުވި ސާކިއުލާގައި މި ތިން ގޮތަށް ކިޔެވުމަށް ވެސް ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ.
1. އެކަޑަމިކް ސްޓްރީމްތައް
– އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން “ސީ” ފާހާ އެކު އެހެން ދެ މާއްދާ ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މާއްދާއަކުން “ސީ” ލިބިފައިވުން.
– އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމްގެ އިތުރަށް ހިސާބުން ދަށްވެގެން “ސ” ފާހެއް ލިބިފައިވުމާ އެކު ސްޓްރީމްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއަކުން “ސީ” ލިބިފައިވުން.
– އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން “ސީ” އާ އެކު ކޮންމެ ވެސް އެއް ސްޓްރީމެއްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން “ސީ” ހޯދައި ކުރިއަށްދާން ބޭނުންވާ މަސައްކަތުގެ ދާއިރާއާ ގުޅޭ އިހުތިޔާރީ އެއް މާއްދާއަކުން “ސީ” ލިބިފައިވުން.
– އޯ ލެވެލްގައި ހިސާބު ނޫނީ އިނގިރޭސިން ދަށްވެގެން “ސީ” ލިބިފައި ވުމާ އެކު ކޮންމެ ވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން “ސީ” ލިބިފައި ވުން.
– އޯ ލެވެލްގައި ހިސާބުން ދަށްވެގެން “ސީ” ލިބިފައިވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސްގެ) މަދުވެގެން އެއް މާއްދާއިން “ސީ” ލިބިފައި ވުމާއެކު ސްޓްރީމް މާއްދާއާ ގުޅުންހުރި އިހުތިޔާރީ އެއް މާއްދާއިން “ސީ” ލިބިފައިވުން.
– އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ)އޯ ލެވެލް ހަދާ ކުދިން އޯ ލެވެލް ނިންމައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއިން “ސީ” ލިބިފައިވުން.
2. ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ، އެކްސްޓެންޑާޑް ޑިޕްލޮމާ އަދި ސްކޫލު ޓިވެކް ކޯހާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމަށް ވަނުމުގެ ޝަރުތުތައް
– ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހުން ދަށްވެގެން “ފާސް” ލިބިފައި ވުން
– އޯ ލެވެލްގެ ކޮންމެ ވެސް ތިން މާއްދާއަކުން ދަށްވެގެން “ސީ” ލިބުން.
އޭގެ ތެރެއިން އައިސީޕީގެ ދަށުން ކިޔެވުން ފުރިހަމަ ކުރާ ކުދިންގެ ތެރެއިން އެކަޑަމިކް ސްޓްރީމްތަކާއި ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ، އެކްސްޓެންޑާޑް ޑިޕްލޮމާ އަދި ސްކޫލު ޓިވެކް ކޯހާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިންގެ އެޑްމިޝަނާ ގުޅޭ ކަންކަން ނިންމާނީ މިނިސްޓްރީންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ދިނުމުގައި ބަލާނީ އެސްއެސްސީ އާއި އައިޖީސީއެސްއީ، އޯލެވެލް އަދި ބީޓެކްގެ ނަތީޖާއަށް ކަމަށެވެ. އަދި މި ފުރުސަތު ދޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައި ނުވާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
އަތޮޅުތަކުގެ ސްކޫލުތަކުގައި އޭ ލެވެލް ކިޔަވައިދޭ ރަށްރަށު ސްކޫލުތަކުގައި ޖާގަ އޮވެ، ޝަރުތުތައް ފުރިހަމަ ނުވާ ކުދިންނަށް މިނިސްޓްރީގެ ހުއްދައާ އެކު ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެޑިޔުކޭޝަނުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު