ސިހުރު ހަދައިދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކުރަމުންދާ ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މި ޕޭޖުތައް ހިންގަމުންދަނީ މިއަހަރުގެ ޖޫން މަހުން ފެށިގެން ކަމަށްވެއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ބައެއް ޕޭޖުތަކުގައި ފާޅުގައި ސިހުރު ހަދާކަން އިސްތިހާރުކޮށް އެކަމަށް ބާރުއަޅާފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލެއް “ހަވާސާ” އާ ހިއްސާކުރި މައުލޫމާތުގައި ވިދާޅުވެފައިވަނީ ސިހުރު ހެދުމަށް ހިތްވަރުދީ އަދި ސިހުރު ހަދައިދޭނެ ކަމަށް ބުނެ މައުލޫމާތު އާންމު ކުރަމުންދާ ޕޭޖުތަކެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުން ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
“ސިހުރު ހެދުމަށް ހިތްވަރުދީ އަދި ސިހުރު ހަދައިދޭނެ ކަމަށް ބުނެ މައުލޫމާތު އާންމުކުރަމުންދާ ޕޭޖުތަކެއް މީސްމީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭ. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން.” ފުލުހުން ވިދާޅުވިއެވެ.
ސިހުރު ހެދުމާއި ގުޅުންހުރި ކަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޝަރީއަތާ ހިލާފު ކަންކަން ކަމުން، މިފަދަ ޕޭޖުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ފުލުހުން ވަނީ މީގެ ކުރިންވެސް ސިހުރު ހަދާކަމުގެ ގިނަ މައްސަލަތަކެއް ތަހުގީގުކޮށް، އެ މައްސަލަތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައެވެ. އަދި ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ ތަންތަން ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަންސްތަކެއްވެސް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބާރަށު އަދި ކުޅުދުއްފުށީގައިވެސް ފުލުހުން ވަނީ އޮޕަރޭޝަންތަކެއް ހިންގާފައެވެ. މިހާރު ބަލަމުންދާ މި މައްސަލައިގައިވެސް ގާނޫނީ ފިޔަވަޅު އަޅައި، މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު