Advertisement

މަނަދޫގައި އައު ނަރުދަމާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް އަންނަ މަހު ފަށަނީ!

ނ މަނަދޫއަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައަށް ދާއިމި ހައްލެއް ގެނައުމަށްޓަކައި އައު ނަރުދާމާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަހު ފަށާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ނ އަތޮޅުގެ ވެރިކަން ކުރާ މަނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

Advertisement

އެގޮތުން ރައީސް ވިދާޅުވީ މަނަދޫއަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް ކަމަށާއި އެކަމުގެ އުނދަގޫ އެރަށުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާތާ މިހާތަނަށް 10 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. އަދި މިއީ ދާއިމީ ހައްލެއް ލިބެންޖެހޭ ކަމެއް ކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަމަށް ހައްލު ގެނައުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަންވެސް ހާމަކުރައްވާފައި އެވެ.

ރައީސް ވިދާޅުވީ މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ މުޅި ނިޒާމު އެއްކޮށް ބަދަލުކޮށް ގްރެވިޓީ ފްލޯ ނިޒާމެއްގެ ތެރެއިން ކަމަށާއި މި މަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވެފައިވަނި މިި މަޝްރޫއުަށް ފުދޭވަރެއްގެ ބޮޑު ހަރަދެއް ހިނގާނެތީ ކަންކަން ތަރުތީބުކުރުމަށް ވަގުތު ނެގުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން މިހާރު މި މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވެފައިވާކަން އިއުލާނުކުރައްވައި ރައީސް ވަނީ ގްރެވިޓީ ފްލޯ ނިޒާމެއްގެ ދަށުން ނަރުދަމާގެ މަޝްރޫއު އައު މަޝްރޫއެއްގެ ގޮތުގައި ކުރިޔަށް އޮތް އޮގަސްޓު މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާކަން ހާމަކުރައްވާފައި އެވެ. އަދި މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި ކަންވެސް ރައީސް ވަނީ ހާމަކުރައްވާފައިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެރަށުގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސިން މިހާރުވެސް ކުރަމުން އައި ނަމަވެސް މަގު ހެދުމުގެ މަސައްކަތް ފުރިހަމަކުރެވޭނީ ނަރުދަމާ ނިޒާމު އަލުން ގާއިމްކުރެވިގެން ދިޔުމާއިއެކުގައި ކަމަށެވެ. އެހެން ކަމުން ނަރުދަމާގެ މަަސައްކަތް ނިމެމުންދާވަރަކަށް މަގު ހެދުމުގެ މަސައްކަތްވެސް ދާނީ ނިމެމުންކަމަށާއި އެހެން ކަމުން ދެ މަޝްރޫއު ކުރިޔަށް ދާނީ އެކުއެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަސައްކަތް ނިންމުމަށް ދޮޅު އަހަރު ދުވަހުގެ މުއްދަތެއް ނަގާނެތީ މިހާރު އޮތް ނިޒާމަށް ލުއިތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ވަގުތީ ހައްލު ގެނައުމަށް ފެނަކަ ކޯޕަރޭޝަނަށް އަންގަވާފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް