އޮސްޓްރޭލިއާގެ ފަރާތުން ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރު “އިމާދުއްދީން” ރޭ ރަސްމީކޮށް ހަވާލުކޮށް، ކޮމިޝަންކޮށް ހިދުމަތަށް ނެރެފިއެވެ.
މި ވަގުތުކޮޅު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުހައްްމަދު މުއިއްޒުއެވެ. އެމަނިކުފާނުގެ އިތުރުން ދިފާއީ އަދި ވަތަނީ ހިދުމަތާއި ބެހޭ ވަޒީރު ހަސަން ރަޝީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީގެ އިތުރުން ސިފައިންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މަނަވަރު ހަވާލުކުރެއްވުމަށްޓަކައި އޮސްޓްރޭލިއާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޕެޝަލް އެންވޯއީ ފޯ އިންޑިއަން އޯޝަން އެފެއާޒް ޓިމް ވޮޓްްސްއެވެ.
މި ރަސްމިއްޔާތުގައި މަނަވަރު ހަދިޔާކުރުމުގެ ރަމްޒު ހަވާލުކޮށްފައިވާއިރު، ދިވެހި ސަރުކާރުގެ ފަރާތުން އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރުގެ ލިޔުމެއް ވަނީ އަރުވާފައެވެ.
މި މަނަވަރު ނިސްބަތްވަނީ އުތީމު ދަރިކޮޅުގެ އައްސުލްތާން މުހައްމަދު އިމާދުއްދީން 1 ވަނަ ސިރީކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ. މުހައްމަދު އިމާދުއްދީން 1 ވަނަ ކަޅުތުއްކަލާ އަދި ބޮޑުރަސްގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ރަދުންނަށެވެ.
މިއުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށާއި ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ޓަކައި ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދުފުޅުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ.
އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ މިއުޅަނދަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އާ އުޅަނދެއް ކަމަށާއި މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ވެސް ފުރިހަމަކޮށްފައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.
މިއުޅަނދުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި ، ކަނޑުމަތީގައި ހިންގާ ޣައިރުގާނޫނީ އަމަލުތައް ހުއްޓުވުމަށާއި، ކަނޑުމަތީގައި ދިމާވާނުރައްކާތެރި ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެކަމަށާއި އަދި މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އެމްއެންޑީއެފް އިން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު