Advertisement

ސަވާހެލި ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަކީ އައްޑޫ ރައްޔިތުންގެ ޙައްޤަކަށް އަރައިގަތުން: ޝާހިދު

އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ “ސަވާހެލި” ރަށް، މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަށް ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަވާހެލި ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ އެ ރަށުގައި މުނިފޫހިފިލުވުމާއި ރެކްރިއޭޝަން ފެސިލިޓީއެއް ތަރައްޤީކޮށް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް ކަމަށެވެ. މިއީ އެ ސިޓީގެ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ސަރުކާރުން ނިންމި ނިންމުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

ސަވާހެލި މަޝްރޫޢަކީ އައްޑޫގެ ފަތުރުވެރިކަމާއި، ޚާއްޞަކޮށް ފޭދޫގެ އިތުރުން އެހެން ރަށްތަކުގެ ގެސްޓްހައުސް ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޮތް ބޮޑު އުއްމީދެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މިއީ އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެ މަޝްރޫޢެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

“އެ ސިޓީގެ ރައްޔިތުންގެ މުސްތަޤުބަލާމެދު ގޮތް ނިންމަވަންވާނީ މާލޭގައި ފިނި ކޮޓަރީގައި ތިބޭ ބަޔެއް ނޫން. އެ ސިޓީގެ ރައްޔިތުންގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރާނެ ގޮތް ކަނޑައެޅުމުގެ ޙައްޤު އެ ސިޓީގެ ރައްޔިތުންނަށް އޮންނަން ވާނެ،” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ މުސްތަޤުބަލާ ގުޅިފައިވާ ސަވާހެލި، މިހިނދުން މިހިނދަށް އެ ސިޓީގެ ރައްޔިތުންނާ އަނބުރާ ޙަވާލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އައްޑޫގެ އިޚްތިޞާޞުން މި ރަށް ވަކިކުރި މައްސަލާގައި އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދަތުރުވެރިން އަރާމުކުރުމަށާއި ކުޑަކުދިން ކުޅެން ވީއައިއޭގައި އައު ޖާގައެއް

ހުޅުލޭ ބޭރުގައި މިރޭ ހަވާ އަރުވަނީ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި ބާއްވަނީ

ދިވެހި ފާމަސިސްޓުން ބިނާކުރުމަށް ކޯސްތައް ބޭއްވުމަށް ސްޓޭޓް ފާމާ ކުންފުނިން މަޝްވަރާކޮށްފި