މާލޭގައި މިރޭ ހިނގި ބޮޑު އެކްސިޑެންޓުގައި ޒަހަމްވި 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މިރޭ ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓު ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ކުޑަ ކުއްޖާއާ އެކީގައި އިތުރު ދެ މީހަކަށް ވެސް އަނިޔާވިއެވެ. މި އެކްސިޑެންޓުގައި ނިޔާވި ކުޑަ ކުއްޖާއަކީ ސައިކަލް ދުއްވަން އިން ކުއްޖާ ކަމެއް އަދި ސާފެއް ނޫނެވެ.
އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުންގެ ހާލު ސީރިއަސްއެވެ. އެމީހުންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި ކުޑަ ކުއްޖަކާއި މީހަކު އޮށޯވެގެން އޮތް ތަން ފެންނައިރު، އެމީހުންގެ އެއްވެސް ހަރަކާތެއް ނެތެވެ. އަދި އެ ކުއްޖާ އާއި މީހާގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ މަންޒަރު ވެސް ފެނެއެވެ.
އެކްސިޑެންޓުވި ސައިކަލާއި ހެލްމެޓްގެ ބައިތައް ވެސް އޮތީ މަގުމަތީގައެވެ. އަދި ޕިކަޕަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ފުލުހުން ގެންދަނީ މި އެކްސިޑެންޓު ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު