ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ ވަރަކަށް، ވެރިކަން ކުރާ ޕާޓީ ބައިބައި ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަކީ ރާއްޖޭގައި އަބަދުވެސް ހިނގާ ކަމެއް ކަމަށާއި، އެކަމަށް ޕީއެންސީން ހުޝިޔާރުވާން ޖެހޭ ކަމަށް ކުރީގެ ލޯކަލް ގަވަރމަންޓް މިނިސްޓަރު އަދި ރާއްޖެއިން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އާދަމް ޝަރީފް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި ތިން ޕާޓީ ކަމަށްވާ ޑީއާރުޕީ، އެމްޑީޕީ އަދި ޕީޕީއެމް ވެސް އެ މަޅީގައި ޖެހުނު ކަމަށެވެ. އަދި އޭގެ ސަބަބުން ލިބޭ ހުރިހާ ގެއްލުމެއް ލިބިގެންދަނީ ސީދާ ރައްޔިތުންނަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުގެ މިފަދަ ރޭވުންތަކުގެ މިހާރުގެ މައިގަނޑު އަމާޒަކަށް ވާނީ ޕީއެންސީ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
“މި ޤައުމަށްޓަކައި ޕީއެންސީގެ ލީޑަރޝިޕަށާއި ޕާޓީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކަށް ވާނީ ޕާޓީ ބައިބައިވުމަށް ފުރުޞަތު ނުދީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮވުމަށް އެއް ރޫޙެއްގައި މަސައްކަތް ކުރުން،” އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވަނީ ޕާޓީގެ އެތެރޭގެ ބަދަހިކަން ހިފަހައްޓައި، އިދިކޮޅު ފަރާތްތަކުން ޕާޓީ ރޫޅާލުމަށް ކުރާ މަސައްކަތްތަކަށް ފުރުސަތު ނުދިނުމަށް ޕީއެންސީގެ ހުރިހާ މެންބަރުންނަށް އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު