ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ޞިއްޙީ ދާއިރާގެ ތިން އާ އަންޑަގްރެޖުއޭޓް ޕްރޮގްރާމެއް ތައާރަފުކޮށްފިއެވެ.
ޔުނިވަރސިޓީން އަލަށް ތައާރަފުކުރި ތިން ޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ، ތިން އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ޕެރަމެޑިކް ސައިންސަސް އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް ސައިންސް އިން ސްޕީޗް-ލެންގުއެޖް ޕެތޮލޮޖީ (އޮނާސް) އާއި ހަތަރު އަހަރު ދުވަހުގެ ބެޗެލާ އޮފް އޮކިޔުޕޭޝަނަލް ތެރަޕީ (އޮނާސް) އެވެ.
މީގެ ތެރެއިން ސްޕީޗް-ލެންގުއެޖް ތެރަޕީ އާއި އޮކިޔުޕޭޝަނަލް ތެރަޕީ އަދި ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭ އިމަޖެންސީ ފަރުވާގެ ދާއިރާތަކަކީ ތަމްރީނު ލިބިފައިވާ ފަންނީ މީހުންގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިވާ ދާއިރާތައްކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެގޮތުން މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް ފާހަގަކުރިއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މިއީ ހަމައެކަނި އާ އެކެޑެމިކް ޕްރޮގްރާމުތަކެއް ތައާރަފުކުރުމެއް ނޫން މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ މުސްތަޤުބަލު ބައްޓަންކުރުން” ކަމަށެވެ. އެގޮތުން މިއީ ޤައުމީ ފެންވަރުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކުން ޚާއްޞަ ތައުލީމުގެ މަގުތައް ފަހިކޮށްދީ ރައްޔިތުންނަށް އިންވެސްޓްކޮށް ޞިއްޙީ ނިޒާމު ވަރުގަދަކޮށް ޤައުމުގެ ތަރައްޤީއަށް މާނަވީ ގޮތެއްގައި ޙިއްޞާކުރާނެ ހުނަރުވެރި ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
މި ތިން ޕްރޮގްރާމަކީ ވެސް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމުތަކެއް ކަމުން ކާމިޔާބުކަމާ އެކު ކިޔެވުން ފުރިހަމަކުރާ ދަރިވަރުންނަށް ރާއްޖޭގައި ޕްރެކްޓިސް ކުރުމުގެ ލައިސެންސް ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ. ޔުނިވަރސިޓީން ބުނެފައިވަނީ މެރިޓައިމް ސްޓަޑީޒް ސޯޝަލް ސައިންސަސް އިންޖިނިއަރިން ލޯ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނޭ ގޮތަށް މާސްޓާޒް އާއި ޕީއެޗްޑީ ޕްރޮގްރާމުތައް ތައްޔާރު ކުރަމުންދާ ކަމަށެވެ.
މި ޕްރޮގްރާމުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ޕެރަމެޑިކް ސައިންސަސް އަށް ކުރިމަތިލާ ކެންޑިޑޭޓުން ނަފްސާނީ އަދި ޖިސްމާނީ ފިޓްނަސް އެސެސްމެންޓެއް ހެދުން ލާޒިމުވާނެއެވެ. އެމްއެންޔޫ ޕޯޓަލް މެދުވެރިކޮށް 30 ޖުލައި 2026 ގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އިތުރު މައުލޫމާތު 1445 އިން ލިބޭނެ ކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު