ލ. ފޮނަދޫގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ރުށްތަކެއް އުފުރައިގެން ރަށުން ބޭރުކުރަމުންދަނީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ / އީޕީއޭ) އިން ނަގަންޖެހޭ ހުއްދަ ނުނަގާ ކަން ހާމަވެއްޖެއެވެ.
އީއާރުއޭ ގަވާއިދު ބުނާގޮތުން “ވަން ގަވް” ޕޯޓަލް މެދުވެރިކޮށް މިފަދަ ކަންކަމަށް ހުއްދަ ހޯދަންޖެހޭއިރު، ފޮނަދޫއިން ރުށް ބޭރުކުރުމުގެ އެއްވެސް ހުއްދައެއް މިހާތަނަށް ދޫކޮށްފައި ނުވާކަމަށް އެ އެޖެންސީން ވަނީ ކަށަވަރުކޮށްދީފައެވެ.

ފޮނަދޫގެ ދެ ސަރަހައްދަކުން މިހާތަނަށް 2000 އެއްހާ ރުށް ވަނީ ނަގާފައެވެ. މިހާރު ރުށްތައް ނަގަމުންދަނީ ބަރާސިލު އަވަށުގެ ތާރު މަގާއި ގޮނޑުދޮށާ ދޭތެރޭގައި އޮންނަ ރުއްގަނޑަކުންނެވެ. މިކަމާ ގުޅިގެން ރަށުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް، ގޮނޑުދޮށާ ވަރަށް ކައިރިން ރުށްތައް ނަގަމުންދާތީ ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ގިނަ ބަޔަކު ދަނީ އިޝާރާތް ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ފޮނަދޫ ކައުންސިލް މެމްބަރ ޢާއިޝަތު އަޒީމާ ވިދާޅުވީ، ކައުންސިލުން ހުއްދަ ދިނީ ރުށްތައް ރަށުން ބޭރުކުރުމަށް ކަމަށާއި، ނަމަވެސް ރުށްތައް ނެގުމުގެ ހުއްދަ ހޯދަންޖެހޭނީ އެކަން ކުރާ ފަރާތްތަކުން ކަމަށެވެ. އަޒީމާ ވިދާޅުވި ގޮތުގައި މި ރުށްތައް ނަގަމުންދަނީ ހައުސިންގ ޔުނިޓް އަޅަން ހަމަޖެހިފައިވާ ބިމުންނެވެ. “އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަށަށް ތަރައްގީ ގެނެވޭނީ ކޮންމެވެސް ގުރުބާނީއެއް ވެގެން. ހައުސިންގ ޔުނިޓްތަކަކީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް،” އަޒީމާ ވިދާޅުވިއެވެ. އަދި މި ރުށްތައް ވިއްކަނީ އޭގެ ވެރިންނަށް މަންފާ ލިބޭތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، “ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު” ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ގައި ބުނެފައިވާ ގޮތުން، ރަށުގެ ހޭޅީގެ ގޮނޑުދޮށުން ފެށިގެން އެއްގަމަށް 20 މީޓަރުގެ ސަރަހައްދަކީ ކޯސްޓަލް ވެޖިޓޭޝަން ބެލްޓް ކަމަށްވާތީ، އެ ސަރަހައްދުން ރުށްގަސް އުފުރުމަކީ މަނާ ކަމެކެވެ. އީއާރުއޭއިން ބުނެފައިވަނީ އެ އެޖެންސީގެ ހުއްދައާ ނުލައި އެއްވެސް ކައުންސިލަކަށް މިފަދަ ކަންކަމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.

މި މައްސަލައިގައި ރަށުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ، ރުށްތައް ނަގަމުންދާ ސަރަހައްދަކީ ހައުސިންގ ޔުނިޓް އަޅަން ދޫކޮށްފައިވާ ބިމެއްކަން އެނގިފައެއް ނެތް ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް މިހާ ގިނަ އަދަދެއްގެ ރުށް އުފުރަމުންދާއިރު، ކަމާބެހޭ ފަރާތްތަކުން މިކަން ހުއްޓުވުމަށް އެދި ރައްޔިތުން ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު