ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްގެ މަސައްކަތް މި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުގެ މަގުސަދަކީ އެކި ރަށްތަކަށް ފެތުރިފައިވާ ޖަލުތަކުގެ މިހާރުގެ ނިޒާމު ބަދަލުކޮށްގެން ޖަލުތަކުގެ ހިދުމަތްތައް މަރުކަޒީ ކުރުމެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ހުރި ޖަލުތަކަކީ ރިހެބިލިޓޭޝަން އަދި އިސްލާހީ ޕްރޮގްރާމްތަކަށް ފައިދާހުރި ގޮތެއްގައި އެހީތެރިވުމަށް ފަރުމާކޮށްފައިވާ ޖަލުތަކެއް ނޫނެވެ. އާ ކޮމްޕްލެކްސްގެ މަގުސަދަކީ އެއް ފުރާޅެއްގެ ދަށުން ރިހެބިލިޓޭޝަނަށް ފޯކަސްކޮށްގެން ހިދުމަތް ދިނުމާއި ޖަލު ބެލެހެއްޓުން ރަނގަޅު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ބައެއް ޖަލުތައް އާ ފެސިލިޓީއަށް ބަދަލުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ގައުމު ފަޚުރުވެރިވާ ނަމޫނާ ޚިދުމަތަކަށް ވުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގައިދީންގެ ހުކުމުން އެއް ދުވަސް ކުޑަކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރާވާފައިވެ އެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ އިސްލާހަށް އަމަލުކުރަން ފަށާނެ ކަމަށް ބެލެވެ އެވެ.
އަދި ޖުވެނައިލް ކުށްވެރިންނަށް ރިހެބިލިޓޭޝަން ސެންޓަރެއްގެ ގޮތުގައި ހޯޕް އައިލެންޑް ތަރައްގީ ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. ޕްރިޒަން ކޮމްޕްލެކްސް އާއި ހޯޕް އައިލެންޑް ޕްރޮޖެކްޓް ވެސް ތަރައްގީ ކުރާނީ އުތުރުތިލަފަޅުގަ އެވެ.
ޕްރިޒަން ކޮމްޕްލެކްސް އެޅުމަށް ގާތްގަނޑަކަށް 30 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. ޕްލޭންކޮށްފައިވާ ވަސީލަތްތަކުގެ ތެރޭގައި ރެޒިޑެންޝަލް ޔުނިޓާއި ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީއާއި ހާފްވޭ ހައުސްއާއި ތައުލީމާއި ތަމްރީނު ފެސިލިޓީއާއި 1000 މީހުންނަށް ޖާގަ ލިބޭ މިސްކިތާއި މެޑިކަލް ފެސިލިޓީއާއި އެހެނިހެން ސަޕޯޓް ސާވިސްތައް ހިމެނެއެވެ. މި މަޝްރޫއުގެ ބޭނުމަކީ ވަކި ޖަލުތަކެއް މެދުވެރިކޮށް ހިންގުމާއި ހިދުމަތް ދިނުމުގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު