Advertisement

ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލަ “ހަގީގަތެއް ނެތް” ކަމަށް ބުނެ ބޭރުކޮށްލައިފި

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ.

މި މައްސަލައަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މައްސަލައެކެވެ. މައްސަލަ ބޭރުކޮށްލަން ނިންމެވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމް ވިދާޅުވީ، މީކާއިލް ހުށަހެޅުއްވި މައްސަލައަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށެވެ.

Advertisement

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި “އަދަދު” ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އެ ނޫސްވެރިޔާ ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ރައީސް އޮފީހުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެ ނޫހުގެ ނޫސްވެރިންނަށް ސަރުކާރުގެ ބައްދަލުވުންތަކުގައި ބައިވެރިނުވެވޭނެކަން ރަސްމީކޮށް އަންގާފައިވާ ކަމަށްވެސް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މެންބަރު މީކާއިލް ފާހަގަކުރެއްވި ގޮތުގައި، އެ ނޫހުން ޝާއިއުކުރި ބަޔާނަކާ ގުޅިގެން ނޫސްވެރިޔަކު ކުއްލި ގޮތަކަށް ހައްޔަރުކޮށް ބަންދުކުރުމަކީ މުޖުތަމަޢުގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމެކެވެ. އަދި މިއަހަރުގެ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހިމެނިފައިވާ ދަށް ދަރަޖައަށް ބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތީ ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައަކީ ހަގީގަތާ އެއްގޮތަށް ހިނގާފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް މީކާއިލް ހުށަހެޅުއްވި މައްސަލައަކީ އެފަދަ ހަގީގަތެއް އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށް ރިޔާސަތުން ނިންމެވިއެވެ.

އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަމަށް ބުނެ އިދިކޮޅު މެންބަރު ހުށަހެޅުއްވި މި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް