Advertisement

21 މާޗުގައި އެމްޑީޕީން ބޮޑު މުޒާހަރާއެއް ބާއްވަނީ

ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 21ގައި ބޮޑު މުޒާހަރާއެއް ބާއްވަން އެމްޑީޕީން ނިންމައިފި އެވެ.

މިކަން އިއުލާންކުރީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު އޮންނަ ދުވަހު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މި ހިޔާލު ހޯދުމުގެ ވޯޓަށް ނޫނެކޭ ބުނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ.

Advertisement

މިކަމާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރަން އެމްޑީޕީން އެކުލަވާލާފައިވާ ޓާސްކް ފޯހުގެ ތަރުޖަމާން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ ޕާޓީއަކީ ރާއްޖޭގެ މިނިވަންކަމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް މިހާތަނަށް ވެސް ކޮށްފައިވާ ޕާޓީއެއް ކަމަށެވެ.

އަންނަ މަހު ބާއްވާ މުޒާހަރާއަކީ ދިވެހިންގެ މިނިވަންކަން އަލުން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށް މައުރޫފު ވިދާޅުވި އެވެ. އެ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ހުރިހާ ރައްޔިތުން ވެސް ކުރިއަށް އޮތް ހިޔާލު ހޯދުމުގެ ވޯޓަށް ނޫނެކޭ ބުނުމަށާއި މުޒާހަރާގައި ވެސް ބައިވެރިވުމަށް މައުރޫފު އެދިވަޑައިގަތެވެ.

އެމްޑީޕީގެ ބޮޑު މުޒާހަރާއެއް މިދިޔަ 3 އޮކްޓޯބަރުގައި ވެސް ވަނީ ބާއްވާފަ އެވެ.

އެ މުޒާހަރާ ރަނގަޅަށް ނުފެށިގެން އުޅެނިކޮށް، ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ. އެކަމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށް ދައުވާ ކުރަން ވެސް ފޮނުވި އެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ފަހުން ވަނީ އެ މީހުންނަށް ދައުވާ ނުކުރަން ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް