Advertisement

ފަހި ފްލެޓަށް ކުނި އަޅައިގެން ބޮޑު ޖޫރިމަނާއެއް

ފަހި ފްލެޓުގެ ޓަވަރުތަކުގެ އެކި ތަންތަނަށް ކުނި އަޅައިގެން މިހާތަނަށް ދެ މީހަކު ޖޫރިމަނާކޮށް، ޖުމްލަ 8،000ރ. ދައްކަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފި އެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް “ހަވާސާ” އަށް މިއަދު ވިދާޅުވީ ފަހި ފްލެޓްތަކުގެ އެއްބަސްވުމުގައި އޮންނަ އުސޫލުގެ ދަށުން އެތަނުން އެކަކު ޖޫރިމަނާކުރީ 5،000ރ. އިން ކަމަށެވެ. އަދި ދެވަނަ މީހާ ޖޫރިމަނާކުރީ 3،000ރ. އިން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ކުނި އަޅާ އިތުރު މީހުން ވެސް ޖޫރިމަނާ ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްޑީސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމާރާތާއި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މީހުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.

އުސޫލާ ހިލާފަށް ކުނިއުކާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ޖޫރިމަނާ ކުރަމުންދާނެ ކަމަށާއި މިހާރު ވެސް ޖޫރިމަނާ ތަންފީޒުކުރަން ފަށާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ހުޅުމާލޭގެ ފަހި ފްލެޓްތައް ލިބުނު މީހުން ޓަވަރުތަކުގެ ތިރި އާއި ބޭރަށް އަޅާފައި ހުރި ކުނިބުނި ނެގުމުގެ މަސައްކަތް އެފްޑީސީ އާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.

އެފްޑީސީން ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އަމާން ދޯދި މަޝްރޫއު ދަށުން އިމާރާތްކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށް އެ ކުންފުނިން ބުންޏެވެ.

ފްލެޓްތަކުން އުކާލާ ބޮޑެތި ކުނި އުކުމުގެ ޒިންމާ އުފުލަން ޖެހޭނީ އެތަނެއްގައި ދިރިއުޅޭ ބަޔަކު އަމިއްލައަށް ކަމަށާއި އެފަދަ ކުނި ޓަވަރުތަކުގެ ގާބެޖު ރޫމްތަކާއި އާންމު ސަރަހައްދުތަކުގައި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ފަހި ފްލެޓު ލިބުނު މީހުން އެ ތަންތަނަށް ބަދަލުވުމަށް ގެންދާ ސާމާނާއި އެ ތަންތަނުގެ އިންޓީިރިއާ މަސައްކަތުގައި އުފެދޭ ކުނިން ޓަވަރުތަކުގެ ތިރި އޮތީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. އެގޮތުން ފަރުނީޗަރާއި ތެލި ތައްޓާއި އޭސީ އާއި ޓީވީ ފަދަ އެކި ސާމާނުގެ ފޮށިތައް ފްލެޓްތަކުގެ ކޮރިޑޯ އާއި ދޮރުމައްޗާއި އެކި ތަންތަން ޖަމާކޮށްފައި ހުއްޓެވެ. ބައެއް ޓަވަރުތަކުގެ ލިފްޓް ކައިރީ ވެސް ބޮޑެތި ކުނި ފުނިތައް ޖަހާފައި ހުއްޓެވެ.

ފަހި ފްލެޓުތަކުގެ އެއްބަސްވުމުގައިވާ ގޮތުން އެފްޑީސީން އުކާލާނީ ގޭތެރޭގައި އާންމުކޮށް އުފެދޭ ކުންޏާއި ކުނިވާ ޒާތުގެ ތަކެތި އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް