ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭ ޖަލު ސަރަހައްދުގައި ހުޅުވައިފިއެވެ.
މި އޮފީސް ހުޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. މިއީ ކަރެކްޝަންސްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، ވަން-ސްޓޮޕް ސޮލިއުޝަނެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުޅުވި ތަނެއްކަމަށް ކަރެކްޝަންއިން ބުންޏެވެ.
ކަރެކްޝަނުން ބުނިގޮތުގައި މި އޮފީހުން ކުށުގެ ރެކޯޑް ސާފުކުރުމާއި، ސިޓީ އާއި ފޯމު ފަދަ ލިޔެކިޔުންތައް ބަލައިގަތުމުގެ އިތުރުން، އާންމުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި ކޮންމެ ހަފުތާއެއްގެ އާދީއްތަ އާއި އަންގާރަ ދުވަހު ގައިދީންނަށް އާއިލާތަކުން ފޮނުވާ އަންނައުނު ބަލައިގަތުމުގެ އިންތިޒާމުވެސް މިތަނުގައި ހަމަޖައްސާފައިވާކަމަށް އެ އިދާރާޢިން ބުންޏެވެ. މީގެ ސަބަބުން ގައިދީންގެ އާއިލާތަކަށް އިދާރީ ކަންކަމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، މި އޮފީހަކީ ގައިދީންނާއި މުވައްޒަފުންގެ އަމަލީ މަސައްކަތުން ބިނާކޮށްފައިވާ ތަނެކެވެ. މިއީ ގައިދީން އަލުން މުޖުތަމައަށް ނެރުމަށް ހިންގާ ރިހެބިލިޓޭޝަން މަސައްކަތުގެ މުހިއްމު ބައެއް ކަމަށާއި، މި އޮފީހުގެ ސަބަބުން ސަރުކާރުގެ “މޯލްޑިވްސް 2.0” ސިޔާސަތުގެ ދަށުން ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް މަގުފަހިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު