މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އެއްވެސް އުޒުރެއް ސަރުކާރަށް ނުދެއްކޭނެ ކަމަށް ވިދާޅުވެ، ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދެ ފަހަރަށް އެދިފައިވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ރަސްމީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ބުޅާތައް ގެންދަން ފަރުކޮޅުފުށީގައި އެޅި ބުޅާ ފެސިލިޓީ “އޮޅު ހިޔާ” ހަވާލުކުރުމަށް އެދި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއަށް ދެ ފަހަރަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، ނަޖިހުގެ މައްސަލަ ބޮޑުވެފައިވާތީ ސިޓީ ކައުންސިލުން އެ ފެސިލިޓީ ހެދީ މާލޭގައި އުޅޭ ހުރިހާ ބުޅާތަކެއް އެތަނުގައި ބެލެހެއްޓޭނެ ފެންވަރަށް ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
“އެއްވެސް އުޒުރެއް މިއަދަކު ނުދެއްކޭނެ މާލެ ތެރެއަށް ބުޅާ ނަޖިސް އަޅަން ދޫކުރާކަށެއް. ސަރުކާރަށް ވެސް ނުދެއްކޭނެ. [ފެސިލިޓީ ހިންގަން ހަވާލުކުރި ފަރާތް] އެ ފަރާތަށް ވެސް ނުދެއްކޭނެ. އެ ފަރާތަށް ނުވަންޏާ ހަވާލުކުރަންވީ މިއަދު ވެސް،” މޭޔަރު ވިދާޅުވިއެވެ.
މި ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވަނީ މާލޭގެ މަގުތަކުގައި ބުޅަލުގެ ނަޖިސް ގިނަވުމުގެ ސަބަބުން އާންމުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސައިފް ވިދާޅުވީ، އެ ފެސިލިޓީއަށް އެގްރިކަލްޗާ މިނިސްޓްރީން އެންމެ 30 ބުޅާ ލައިގެން ‘ބަލަހައްޓައިގެން’ ތިބުމަކީ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ.
“މި ވާހަކަ ދެއްކީމާ ވިދާޅުވަނީ އެ ފެސިލިޓީ ހުރީ ރެޑީއަކަށް ނޫނޭ. މާލޭގެ މަގުމަތި އެ ހުރީ ބުޅާ ގުއިރޭން ރެޑީއަށްތޯ؟ އެ ފެސިލިޓީ ހުރީ އެންމެ ފުރިހަމައަކަށް ނޫން ކަމަށް ބުނާއިރު، މަގުތައް އެ ހުރީ އެންމެ ފުރިހަމައަށްތޯ ބުޅާ ވިހައިގެން އުޅެން؟” ސައިފް ސުވާލު އުފެއްދެވިއެވެ.
މާލެ ސިޓީ ކައުންސިލުގެ ޚަރަދުގައި ހެދި މި ފެސިލިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވީ ނޮވެންބަރު 2024 ގައެވެ. އެތަން ހިންގުމަށް އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކުރި ނަމަވެސް، މޭޔަރު ވިދާޅުވީ އެތަން ބަލަހައްޓާ ފަރާތުން އަމަލުކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. މީގެ ކުރިން ބުޅަލުގެ ހައްގުގައި ވަކާލާތު ކުރި ފަރާތްތަކުން މިއަދު އެ ޒިންމާ ނުނަގައި ބުޅާ ނަޖިސް ނުނަގާ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މެއި މަހު އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ގޮތުގައި، މި ފެސިލިޓީއަށް ނޮން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. ނަމަވެސް، މި ބޮޑު ޚަރަދާއެކުވެސް މާލޭގެ މަގުމަތީގައި އުޅޭ ބުޅަލުގެ މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު