ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރި، 4،000 ފުލެޓަށް ކަރަންޓު ދިނުމަށް ކުރި ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
މިހާރު އޭގެތެރެއިން ބައެއް ފުލެޓުތަކުގައި މީހުން ދިރިއުޅެމުން އަންނައިރު، ސްޓެލްކޯއިން މިއަދު ބުނީ އެ ފުލެޓުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިޔަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރަށް، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިކުންފުނިން ކުރިއަށްގެންދިޔަ އެންމެހާ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައި. މި މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި… pic.twitter.com/7mn9Aw1tmF
— STELCO (@STELCOMALDIVES) January 21, 2026
މި މަހު ކުރީކޮޅު ވަނީ އެ ފުލެޓުތަކުގައި ފެނާއި ނަރުދަމާގެ ޚިދުމަތް މިހާރު ގާއިމުކޮށް ނިންމާފައެވެ.
ފްލެޓް ހަވާލުކުރުން ލަސްވާތީ ފްލެޓް ލިބުނު ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ދިރާސީ އަހަރު ފެށެންވާއިރަށް، ހުރިހާ ފުލެޓެއްގެ ތަޅުދަނޑި ހަވާލުކޮށް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.
ދިރާސީ އާ އަހަރު ފެށޭނީ މި މަހުގެ 27 ގައެވެ.


ކިޔުންތެރިންގެ ހިޔާލު