ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހަޅަން ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ، މި ބިއުރޯއަށް އިންތިހާބާ ގުޅޭ ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮމްޕްލެއިންޓްސް ބިއުރޯގެ އީމެއިލް [email protected] އާއި ކޮމިޝަނުގެ ކައުންޓަރުތައް މެދުވެރިކޮށް ކަމަށެވެ.
ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ ކޮމިޝަނުގެ ވެބްސައިޓާއި އިންތިހާބާ ބެހޭ މަރުކަޒު އަދި ކޮމިޝަން އިދާރާގެ ކައުންޓަރުން ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ސިޓީ/އަތޮޅު/ރަށު/އަވަށު ކައުންސިލްތަކުގެ ފޯކަލް ޕޮއިންޓުންނާއި ރާއްޖާން ބޭރުގައި ހަމަޖައްސާފައިވާ ފޯކަލް ޕޮއިންޓު މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމްޕްލެއިންޓްސް ބިއުރޯގެ ކައުންޓަރު ހުޅުވާފައ ހުންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ އެޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު، ވޯޓު ނަގަން ފެށުނީއްސުރެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމައަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އީސީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު