Advertisement

ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް 66 ޒުވާނަކު ފުރައިފި

މޯލްޑިވްސް ނެޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ތަމްރީނު ނިންމި ކުދިންގެ ތެރެއިން ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި 66 ޒުވާނަކު ބ. ކިހާދޫގައި ހުންނަ ސިފައިންގެ ތަމްރީނު މަރުކަޒަށް މިއަދު ފުރައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝިއަލް ތަމްރީނު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ހުންނަ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒަށް ފުރައިފައިވާ ކަމަށެވެ.

Advertisement

އެ ޒުވާނުންނަކީ ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 66 ޒުވާނުން ކަމަށް ރައީސް ވިދާޅުވިއެވެ.

“ބައިވެރިވާ މި ތަމްރީނުގައި ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެން ދާނެ،” ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ނެޝަނަލް ސާވިސް (ވަތަނީ ޚިދުމަތުގެ ޕްރޮގްރާމް)އިން 344 ދަރިވަރުން ދަސްވެނިވީ މިދިޔަ މަހުގެ 28ވަނަ ދުވަހެވެ.

މާފިލާފުށީ ނެޝަނަލް ސާވިސް ޓްރެއިނިން ސެންޓަރުގެ ޗީފް އިންސްޓްރަކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ޝަފީއު ވިދާޅުވީ، އެ ތަމްރީނުގައި ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަން، ލެންގުއެޖް ޕްރޮފިޝެންސީ، ލީޑަޝިޕް، އިސްލާމިކް ސްޓަޑީޒް، ފިޒިކަލް ޓްރެއިނިން، ވޯޓާމޭންޝިޕް ޑްރިލް، ފަސްޓް އެއިޑް، ފަޔަ ފައިޓިން، ސެލްފް ޑިފެންސްގެ އިތުރަށް ކޭމްޕް އެކްޓިވިޓީސް މާއްދާތަކުގެ ގޮތުގައި ކިޔަވައިދިން ކަމަށެވެ.

މިގޮތުން، ތަމްރީނުގެ ބައިވެރިންނަށް އެ މާއްދާތައް ކިޔަވައިދެއްވުމުގައި ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ މިނިސްޓްރީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަަން އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް