Advertisement

ހެދުން އެޅުމުގެ ގަވާއިދަށް ގެނައި އިސްލާހުތަކަކީ އަންހެން މުވައްޒަފުންނަށް ކުރެވޭ ތަފާތުކުރުމެއް: ޑަބްލިއުއެންޑީ

ސިވިލް ސާވިސްގެ ހެދުން އެޅުމުގެ ގަވާއިދަށް ދާދިފަހުން ގެނައި އިސްލާހުތަކަކީ އަންހެން މުވައްޒަފުންނަށް ކުރެވޭ ތަފާތުކުރުމެއްގެ ގޮތުގައި ސިފަކޮށް، ‘ވުމަން އެންޑް ޑިމޮކްރަސީ’ (ޑަބްލިއުއެންޑީ) އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އިސްލާހުތަކުގެ ސަބަބުން އަންހެން މުވައްޒަފުންގެ ސިފައާއި ހެދުން އެޅުމުގެ ގޮތްތަކަށް އަމާޒުކޮށް ވަކި ހާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. މިއީ ހަމައެކަނި ފަންނީ މިންގަނޑެއް ހިފެހެއްޓުމަށްވުރެ ބޮޑަށް، އަންހެނުންގެ ހަށިގަނޑާއި ފެންނަ ފެނުމުގެ މައްޗަށް ބާރު ފޯރުވައި، ފާރަވެރިވުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެ ޖަމިއްޔާއިން ތުހުމަތުކުރެއެވެ.

Advertisement

“މުވައްޒަފެއްގެ ފަންނީ ގާބިލުކަން މިނަންވާނީ އެމީހެއްގެ މަސައްކަތުގެ ހުނަރާއި، އަހުލާގާއި، ޒިންމާދާރުކަމާއި، އަދި ހިދުމަތުގެ ފެންވަރުންނެވެ. އެއީ އަންހެނުންގެ ސިފައަށް ބަލައިގެން ކޮންޓްރޯލް ކުރަންޖެހޭ ކަމެއް ނޫނެވެ،” އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާއިރު، ދިވެހި ސަގާފަތާއި އިޖުތިމާއީ އަދި އަދަބީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހެދުން އެޅުމުގެ އުސޫލުތަކެއް އޮތުމަކީ މުހިންމު ކަމެއްކަން ޑަބްލިއުއެންޑީ އިން ގަބޫލުކުރެއެވެ. ނަމަވެސް، އެފަދަ ގަވާއިދުތަކަކީ ދެޖިންސަށް ހަމަހަމަ، އަދި އިންސާފުވެރި އުސޫލުތަކަކަށް ވާންޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ވަކާލާތުކުރެއެވެ. މިހާރު ގެނެސްފައިވާ ބަދަލުތަކަކީ ހަމައެކަނި އަންހެނުންނަށް އަމާޒުކޮށްފައިވާ ހަރުކަށި އުސޫލުތަކެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން، މި ފިޔަވަޅުތަކުގެ ސަބަބުން އަންހެނުންގެ އަމިއްލަ މިނިވަންކަމާއި ކަރާމާތަށް އުނިކަން ލިބި، މަސައްކަތުގެ މާހައުލުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިދާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާއިން ވަނީ ދީފައެވެ. އަދި މިއީ އަންހެނުންގެ މައްޗަށް ނުރަނގަޅު ތަސައްވަރުތަކެއް އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ‘ވުމަން އެންޑް ޑިމޮކްރަސީ’ އިން ފާހަގަކުރެއެވެ.

ވުމަން އެންޑް ޑިމޮކްރަސީ (ޑަބްލިޔު އެންޑް ޑީ) އިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި އިސްލާހުތަކަކީ ހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އިންސާނީ ކަރާމާތާއި، އަދި އަމިއްލަ މިނިވަންކަމަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާ ހިލާފު އިސްލާހުތަކެކެވެ. ދައުލަތުގެ މުއައްސަސާތަކަކީ މިފަދަ އަސާސީ އުސޫލުތައް ނަގަހައްޓަންޖެހޭ ތަންތަން ކަމަށާއި، ސާފުނުވާ އަދި ވަކި ފަރާތަކަށް ޖެހިފައިވާ ގަވާއިދުތަކެއްގެ ސަބަބުން އެ ހައްގުތައް ބަލިކަށިވެގެން ނުވާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން، ތަފާތުކުރުންތައް އެކުލެވޭ މާއްދާތައް ވަގުތުން އުވާލުމަށް ސަރުކާރަށާއި ސިވިލް ސާވިސް ކޮމިޝަނަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި މަސައްކަތުގެ މާހައުލުގެ ސިޔާސަތުތަކަކީ އިންސާފުވެރި، ގާނޫނީ އިމުގެ ތެރޭގައިވާ އަދި އަސާސީ ހައްގުތަކަށް އިހުތިރާމްކުރާ ސިޔާސަތުތަކެއްކަން ކަށަވަރުކުރުމަށްޓަކައި، އަންހެން ސިވިލް ސާވަންޓުންނާއި، ފަންނީ އިދާރާތަކާއި، އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މުއައްސަސާތަކާއެކު ދެފުށް ފެންނަ ފުޅާ ދާއިރާއެއްގެ މަޝްވަރާތައް ބޭއްވުމަށްވެސް އެދިފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް