Advertisement

ޚުތުބާގައި މައިންބަފައިންނަށް: ނަމާދު ނުކޮށް ކުޅިވަރު ކުޅެން ދަރިން ދޫކޮށްނުލާ!

ނަމާދު ނުކޮށް، ކުޅިވަރާއި އެކި ކަންކަމުގައި ޝާމިލުވާން ދަރިން ދޫކޮށްނުލުމަށް މިއަދުގެ ހުކުރު ޚުތުބާގައި މައިންބަފައިންނަށް ވަސިއްޔަތްކޮށްފިއެވެ.

ޚުތުބާ ދީފައިވަނީ ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުމުގެ މައްޗަށެވެ. ޚުތުބާގައިވަނީ ﷲގެ އެއްކައުވަންތަ ކަމަށް އީމާންވެ، ފަރުޟު ފަސް ނަމާދު ކުރަން ޖެހޭކަން ހަނދާންކޮށްދީފައެވެ.

Advertisement

އެ މަތިވެރި އަޅުކަމަށް ދަރީން ލޯބި ޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބައެއް ގޮތުގައި ތަރުބިއްޔަތުކުރުމަށް ޚުތުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ. އެ ކަމުގައި އިހުމާލުވެއްޖެނަމަ، ދިރިއުޅުމުގެ އުފާވެރިކަން ގެއްލި، އާޚިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ލިބޭނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ދަރިންނަކީ ﷲ ދެއްވި ވަރަށް ބޮޑު ނިއުމަތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ދަރީންނާ މެދު މަސްއޫލުވާން ޖެހޭނެ ކަމަށެވެ.

“އަދި ފިރިމީހާއީ އޭނާގެ އަނބިދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެފަރާތްތަކާ މެދު އޭނާއާ ސުވާލުކުރެއްވޭނެއެވެ. އަދި އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެ ފަރާތްތަކާ މެދު އޭނާޔާ ސުވާލުކުރެއްވޭނެއެވެ،” ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ ނަމާދަށް ލޯބިކުރާ ދަރިންތަކެއް އުފެއްދުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައެވެ.

އެ ކަމުގެ ފުރަތަމަ ބިންގަލަކީ، ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޚުތިޔާރުކުރުން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ. ދެވަނަ ކަމަކަށް ހެޔޮލަފާ، ޞާލިހު ދަރިން ދެއްވުން އެދި، ﷲއަށް ދުއާކުރުން މަތީ ދެމިތިބުމަށް ޚުތުބާގައި ގޮވާލިއެވެ. އަދި، ނަމާދަށް ރައްކާތެރިވާން އެދި، ދަރީންނަށް ރީތި ގޮތުގައި ނަސޭހަތްތެރިވާން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މިއަދު މުޖުތަމައުގެ ހާލަތަށް ވެސް ޚުތުބާގައި އަލިއަޅުވާލިއެވެ. އެ ގޮތުން، ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއް ނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕުރޮގުރާމުތައް އެކިއެކި މުއައްސަސާތަކުން ރާވައި، ނަމާދު ވަގުތު ފާއިތުވެދާއިރު ވެސް އަހަރެމެންގެ ދަރީންނާއި ޒުވާނުން އެ ކަމުގެ ތެރޭގައި ޝާމިލުކުރުވާކަން، ހިތާމަޔާ އެކު ޚުތުބާގައި ފާހަގަކުރިއެވެ.

ބަންގި ގޮވާއިރު ވެސް، މައިންބަފައިން ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދަރިން ދޫކޮށްލާކަން ފާހަގަކުރިއެވެ.

“ތިމާ މީހާ ނަމާދުކޮށްފައި، ނަމާދުތައް ފާއިތުވެދާއިރު ވެސް ދަރީން ޓީވީ ބެލުމާއި ތަފާތު ގޭމުތައް ކުޅޭން ދޫކޮށްލައިފައި ބައިތިއްބާ ނަމަ، ތިބާ މާތް ﷲއަށް ބިރުވެތިވެ ޚަބަރުދާރުވާށެވެ،” ޚުތުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް