Advertisement
ޔޫނިއަންތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ލަގްޒަރީ އެޕާޓުމަންޓު އަޅަން 7،000 ފުލެޓު އަޅަން ދޫކުރި ބިންތައް ސަރުކާރުން އުޅެނީ ވިއްކާލަން ކަމަށް އެ ޔޫނިއަންތަކުން ތުހުމަތުކުރި ----

ފުލެޓު އަޅަން ޚާއްސަކުރި ބިންތައް ސަރުކާރުން އުޅެނީ ވިއްކާލަން

ކުރީ ސަރުކާރުން 7،000 އާއި 8،000 ފުލެޓު އަޅަން ޚާއްސަ ކުރި ބިންތައް, ލަގްޒަރީ އެޕާޓުމަންޓުތަކެއް އަޅަން މި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ކަމަށް ބޯހިޔާވަހިކަމުގެ ހައްގުގައި ވަކާލާތުކުރާ ފަހި ޔޫނިއަންއާއި އުތުރުތިލަފަޅު ޔޫނިއަނުން މިއަދު ތުހުމަތުކޮށްފިއެވެ.

އެ ޔޫނިއަންތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރު ވަނީ، ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅުންހުރި ކަންބޮޑުވުންތަކެއް ފާހަގަކުރައްވާފައެވެ.

Advertisement

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމްތަކުގެ ގޮތުގައި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމް އިއުލާންކުރެއްވުމަށްފަހު، އެ ސްކީމުތަކުގެ ދެވަނަ ފިޔަވައްސެއް ކުރިއަށްގެންދަވާނެކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިންމައި 2023ގައި އިއުލާނުކުރެއްވިއެވެ.

މިގޮތުން، އެ ސްކީމުގެ ދަށުން އިންޑިއާގެ އެލްއޯސީގެ ދަށުން ފައިނޭންސް ހަމަޖައްސައި، ހަވާލުކުރި 7،000 ފުލެޓުގެ މަސައްކަތް އަވަހަށް ނިންމައިދޭން އޭނާ ވަނީ ގޮވާލައްވާފައެވެ.

ފަހި ޔޫނިއަނުގެ ރައީސް އިބްރާހިމް ނޫރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ

މި ސަރުކާރުން ނިންމާފައިވަނީ، ކުރީ ސަރުކާރުގެ ފުރަތަމަ ސްކީމުގެ 7،000 ފުލެޓާއި ދެވަނަ ސްކީމުގެ 8،000 ފުލެޓު އެޅުމަށް އެލޮކޭޓުކޮށްފައި ހުރި ހުރިހާ ބިންތަކެއް ލަގްޒަރީ އެޕާޓުމަންޓު އެޅުމުގެ ގޮތުން ވިއްކާލުމަށް. މިއީ އަޅުގަނޑުމެން ޔޫނިއަންތަކުން ބަލައިގަންނާނެ ކަމެއް ނޫންފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރު

ހުޅުމާލޭގައި އިމާރާތް ކުރާ 8،000 ފުލެޓަށް ކުރިމަތިލި މީހުންގެ ފޯމުތައް އިވެލުއޭޓުކޮށް، ފުލެޓު ލިބޭ މީހުން ކަނޑައަޅައި ދޭން އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ނަމަވެސް، މިހާރު ފެންނަނީ، އެ ގޮވާލުމަށް ސަރުކާރުން އިހުތިރާމު ނުކުރާ މަންޒަރު ކަމަށާއި ރައްޔިތުންގެ އާދޭސްތައް ބޮލާލައި ޖަހާފައިވާ ތަން ކަމަށް ނޫރު ވިދާޅުވިއެވެ.

އެ ޔޫނިއަނުން އިތުރަށް ބުނީ، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްގެން ލަގްޒަރީ އެޕާޓުމަންޓުތައް ހެދުމަކީ، ވައުދުތަކާއި ޕްލޭނާ ޚިލާފަށް ކުރާ ކަންކަން ކަަމަށެވެ. އެއާ ޚިފާލަށް، ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައި ތިބި މީހުންނަށް ވައުދާ އެއްގޮތަށް އެކަން ކޮށްދިނުމަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ، މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާއިރު، ގިނަ ބަޔަކު މި ސަރަހައްދުގައި އުޅެނީ ބޮޑު ކުއްޔަށެވެ.

އެހެންވެ، އެ މައްސަލަ ހައްލު ކުރުމަށް ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގިރާވަޅުފަޅާއި ގުޅީފަޅު ހިއްކުން އަވަސް ކުރުމަށް އެ ޔޫނިއަންތަކުން ވަނީ ގޮވާލާފައެވެ. އަދި، އެ ތަންތަނުގެ ބިން ހިއްކުމަށް އިސްކަންދިނުމަށް ރަސްމާލެ ހިއްކުން މަޑުޖައްސާލަން ޔޫނިއަންތަކުން ގޮވާލިއެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން، ދެވަނަ ފިޔަވައްސަށް މީހުން ފޯމު ހުށަހެޅި ނަމަވެސް އެ ސްކީމްތައް ސަރުކާރުން ހަނދާން ނައްތާލައިފައިވާ ކަމަށް އެ ޔޫނިއަންތަކުން ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް