މާލޭގެ ގަލޮޅު ސަރަހައްދުގައި ހިމެނޭ ހަލަވެލި ގޯޅީގައި ފިރިހެނަކާއި އުމުރުން ދުވަސްވީ އަންހެނަކާ ދެމެދު މާރާމާރީއެއް ހިނގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ގަލޮޅު ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 20:59 ހާއިރު ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ފިރިހެނަކު އުމުރުން ދުވަސްވީ އަންހެނެއްގެ ގައިގައި ތަކުރާރުކޮށް ޖަހަމުންދެއެވެ. އެ ވަގުތު އެ ދެމީހުންގެ ދެމެދުގައި ހުރި އެހެން ފިރިހެނަކު، އަނިޔާކުރަމުންދިޔަ މީހާ އަންހެން މީހާއާ ދުރުކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެނެއެވެ.
ނަމަވެސް، އެ މީހާގެ އަތްދަށުން ސަލާމަތްވެގެން ގޮސް، އުމުރުން ދުވަސްވީ އަންހެން މީހާގެ ބޮލުގައި އެތައް ފަހަރަކު ވަރަށް ބާރަށް ޖަހާ މަންޒަރު ވީޑިއޯއިން ސާފުކޮށް ފެންނަން ހުއްޓެވެ. އޭގެ ފަހުން އެ ފިރިހެން މީހާ ދުވެފައި ގޮސް އެ ގޯޅިން ނުކުމެގެންދާ މަންޒަރު ފެނެއެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާ، އެ ފިރިހެން މީހާ ދިޔަ ދިމާލަށް އިނގިލި ދިއްކޮށް ވާހަކަ ދައްކަމުންދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު