ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް ހުރަސްއަޅައި ބިރުދެއްކުމުގެ ގޮތުން ބިދޭސީ ފަޅުވެރިން ހައްޔަރުކުރާނެ ކަމަށް ފުލުހުން އިންޒާރުދެމުންދާ ކަމަށާއި، ނަމަވެސް އެ އިންޒާރުތަކަކުން ވެސް ނުހުއްޓާނެ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މިރޭ ބުނެފިއެވެ.
ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މިއަހަރުގެ މެދުތެރެއިން ފެށިގެން މި ދުވަހަށް ތައްޔާރުވަމުން ދިޔަ ކަމަށެވެ. ސަބަބަކީ މި ސަރުކާރަށް ދެއަހަރުވި އިރު ވެސް ބޮޑު ކަންނެލި މަސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.
“ސަރުކާރުން އަބަދުވެސް ބުނަނީ މަސްވެރިންގެ ކަންކަން ހައްލުކޮށްދޭނެކަމަށް. ނަމަވެސް މިއަދާ ހަމައަށް އެ ބުނާ ކަންކަން ފެށިފައެއް ވެސް ނެތް. އަދި ފެށުމުގެ މަގުމަތީގައި އޮތް ކަމަކަށް ވެސް މަސްވެރީންނަށް ގަބޫލެއް ނުކުރެވޭ،” މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި ކުރާ އިހުތިޖާޖެއް ނޫން ކަމަށާއި ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ވި ވައުދުތައް ފުއްދައިދޭން މަސައްކަތްކުރާ މަންޒަރު ވެސް ނުފެންނަ ކަމަށެވެ. އެއާއެކު ދެ އަހަރު ވަންދެން މަޑުކުރުމަށްފަހު، ކަންނެލި މަސްވެރިންގެ ހާލަތު ދަށަށް ގޮސް، އެ މީހުން ބާނާ މަސްތައް ނުވިކި ހާލުގައިޖެހޭތަން ބަލަން ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދޭން މި ގޮވާލަނީ. މަސްވެރީންނަށް ހިލޭ ލާރިތަކެއް ދޭށެކޭ ނޫން،” ނުރުހުން ފާޅުކުރައްވައި މައުރޫފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު