Advertisement

ކަންބޮޑުވުންތަކަށް ހައްލު ނުލިބޭތީ މަސްވެރިންގެ ދުވަހު އިހުތިޖާޖުކުރަނީ

މިއަދާ ހަމައަށް އައިއިރު ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ބުނެ، މާދަމާ ފާހަގަކުރާ މަސްވެރިންގެ ދުވަހު، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އިހުތިޖާޖުކުރުމަށް ނިންމައިފިއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޔޫނިއަންއަކީ ބޮޑު ކަންނެލި މަސްވެރިކަމުގެ ސިނާއަތާއި، މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވައި، ދެމެހެއްޓުމަށް އުފައްދާފައިވާ ޔޫނިއަންއެއް ކަމަށެވެ. އަދި އެއީ ހީވާގި މަސްވެރިންގެ މަސްލަހަތުގައި މަސައްކަތްކުރާ ޔޫނިއަންއެއް ކަމަށް ބުންޏެވެ. އެގޮތުން އެ ޔޫނިއަންގެ މެންބަރުންގެ ހައްގުތަށް ކަށަވަރުކުރުމަށް ތަފާތު ގިނަގުނަ މަސައްކަތްތައް އެ ޔޫނިއަންގެ ފަރާތުން ކުރަމުންދާ ކަމަށް ބުންޏެވެ.

Advertisement

އެ ޔޫނިއަންގެ ފަރާތުން ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި:

  • ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން
  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން
  • މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން

ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް އެ ޔޫނިއަންއިން ބުނީ އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި އެ ޔޫނިއަންއިން ގޮވާލަމުން އައި ކަމަށެވެ. އަދި ތަފާތު މަޝްވަރާ ބައްދަލުވުންތަކާއި، މީޓިންތައް، ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ވެސް ނެރެފައިވާނެ ކަމަށް ބުންޏެވެ. އަދި ފިޝަރީޒް މިނިސްޓްރީއަށް ސިޓީ ފޮނުވައިގެން ވެސް އެދިފައިވާނެ ކަމަށް އެ ޔޫނިއަންއިން ބުންޏެވެ.

މިއަދާ ހަމައަށް އެ ޔޫނިއަންއިން ކުރި އެއްވެސް މަސައްކަތަކުން ކަންނެލި މަސްވެރިންނަށް އެދެވޭ އަލި މަގެއް ނުފެނި، މާޔޫސްވެފައިވާ ކަމަށް އެ ޔޫނިއަންއިން ފާހަގަކުރިއެވެ.

އެހެންކަމުން މާދަމާ ބާއްވާ އެ ޔޫނިއަންގެ އަހަރީ ބައްދަލުވުމަށްފަހު އިހުތިޖާޖުކުރުމަށް ނިންމާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

“އެހެންކަމުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އަޅާނުލުމާއެކު ހައްލޔ ހޯދައިދީފައި ނުވާތީ، މިއަހަރުގެ ޑިސެމްބަރު 10ވަނަ ދުވަހު މި ޔޫނިއަންގެ އަހަރީ ބައްދަލުވުމަށްފަހު ކަންނެލި މަސްވެރިންގެ ހައްގުގައި އަޑުއުފުލައި، އިހުތިޖާޖުކުރާނެ ވާހަކަ ކަމާ ބެހޭ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަން،”

އެ ޔޫނިއަންގެ ފަރާތުން ވަނީ އެ ސުލްހަވެރި އިހުތިޖާޖުގައި އެންމެހާ މަސްވެރިން ބައިވެރިވެ، އެކަން ކޮޅެއްގައި ޖެހެންދެން އަޑު އުފުލުމަށް ގޮވާލައިފައެވެ.

މީގެކުރިން ވެސް މަސްވެރިންގެ އަަތުން މަސް ގަތުމަށް ފަހު، ފައިސާ ނުދީ ގިނަ ދުވަސްވީ މައްސަލައިގައި މަސް ދޯނިތަކެއް މާލެ ފަޅު ކައިރީގައި މުޒާހަރާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް