އައްޑޫ ބަނދަރަށް ވަގަށް އެތެރެ ކުރި 1.8 މިލިއަން ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިދިޔަ އާދިއްތަ ދުވަހު ވަނީ ނައްތާލައިފި އެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ސިނގިރޭޓުތައް ނައްތައިލީ ހިތަދޫ ބަނދަރު ސަރަހައްދުގައި ކަމަށެވެ. ސިނގިރޭޓުތައް ނައްތައިލީ އެ ތަކެތީގައި ރޯކޮށްގެންނެވެ.
ނޮވެމްބަރު އަދި ޑިސެމްބަރު، 2024، އިން ފެށިގެން ވޭޕް މަނާކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމުން ރާއްޖެ އެތެރެ ކުރާ ވަގު ސިނގިރޭޓު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކުރިން ސިނގިރޭޓު ލިބެން ހުރި އަގަށް ވުރެ ހެޔޮކޮށް ވަގު ސިނގިރޭޓު ގަންނަން ވެސް ލިބެ އެވެ. މާލޭގައި އެންމެ ފުޅާކޮށް ދައުރު ކުރާ ވަގު ސިނގިރޭޓަކީ މެންޗެސްޓާ އެވެ. މެންޗެސްޓާ ސިނގިރޭޓު ފޮއްޓެއް 100 ރުފިޔާއަށް ލިބެ އެވެ.
ގަވާއިދުން އެތެރެކޮށްގެން ވިއްކާ ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބެނީ 240 ރުފިޔާއަށެވެ. ރޯލިން ޓޮބޭކޯ އާންމުކޮށް ލިބެނީ 200 ރުފިޔާއަށެވެ. ޓެކްސް ބޮޑު ކުރުމުގެ ކުރިން ސިނގިރޭޓު ފޮއްޓެއް ލިބުނީ 140 ރުފިޔާއަށެވެ.
ސިނގިރޭޓުގެ ކަޅު ބާޒާރު
- އޮކްޓޯބަރު 25، 2024 – ރާއްޖެއަށް އެތެރެ ކުރަން އުޅުނު ދެ މިލިއަން ސިނގިރޭޓު އަތުލައިގަތް
- ޖެނުއަރީ 30، 2025 – ރާއްޖޭގައި އުފައްދާފައި ހުރި 980،000 ވަގު ސިނގިރޭޓު އަތުލައިގަތް
- މާޗު 26، 2025 – އެއާޕޯޓު ޑިއުޓީ ފްރީއިން 140 ކާޓަނު ސިނގިރޭޓު ވަގަށް ނެރެން އުޅެނިކޮށް އަތުލައިގަތުން
- އޭޕްރީލް 8، 2025 – ޑިއުޓީ ފްރީ އިން 140 ކާޓަން ސިނގިރޭޓު ބޭރު ކުރަން އުޅުނު ފުލުހަކު ހައްޔަރު ކުރި
- އޭޕްރީލް 19، 2025 – ގަން އެއާޕޯޓުން ވަގަށް އެތެރެކުރަން އުޅުނު 130،000 ސިނގިރޭޓު އަތުލައިގަތް
- އޭޕްރީލް 26، 2025 – ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަން ސިނގިރޭޓު އަތުލައިގަތުން
- މެއި 6، 2025 – މާލެ ތެރެއިން 221 ކާޓަންގެ ވަގު ސިނގިރޭޓު އަތުލައިގަތް
- މެއި 25، 2025 – ވަގަށް އެތެރެ ކުރަން އުޅުނު 32 ކާޓަން ސިނގިރޭޓު އަތުލައިގަތް
- ސެޕްޓެމްބަރު 24، 2025 – ހިތަދޫ ޕޯޓުން ވަގަށް އެތެރެ ކުރަން އުޅުނު 1.8 މިލިއަން ސިނގިރޭޓު އަތުލައިގަތް
ސިނގިރޭޓާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުން ވަނީ ވަރަށް ހަރުކަށި ގަވާއިދެއް ވެސް ފެބްރުއަރީ، 2025، ގައި ގެޒެޓުކޮށްފަ އެވެ. އެކަމަކު، އާންމު ތަންތަނުގައި ސިނގިރޭޓު ބޭނުން ކުރުން ފަދަ އެ ގަވާއިދުގައި ހިމެނޭ މުހިންމު ކަންކަން ސަރުކާރުން ތަންފީޒެއް ނުކުރެ އެވެ.
މާލެ އެތެރެ ކުރަން އުޅެނިކޮށް އޭޕްރީލް، 2025، ގައި ހިފެހެއްޓި 13 މިލިއަން ސިނގިރޭޓު ހުޅުމާލޭ ބަނދަރުގައި ހުއްޓައި ވަގަށް ނެގި މައްސަލައެއް ވެސް މިދިޔަ އޮކްޓޯބަރު މަހު ފެންމަތިވި އެވެ. އެ މައްސަލައިގައި ޕޯޓުގެ ބައެއް މުވައްޒަފުން އަދި ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު