ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވާ ބެރިއަޓްރިކް ސާޖަރީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށައި، އެންމެ ފުރަތަމަ ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ބެރިއަޓްރިކް އޮޕަރޭޝަންކުރީ މެލޭޝިއާގެ ޔުނިވާސިޓީ ކެބަންގްސާން މެލޭޝިއާ މެޑިކަލް ސެންޓަރުގެ ބެރިއަޓްރިކް ސާޖަރީގައި އެންމެ އިސްކޮށް އުޅުއްވާ ޑރ. ނިކް ރިޒާ ކޯސައި ބިން ނިކް މަޙްމޫދުގެ އެހީތެރިކަމާއެކު ކަމަށެވެ.
Successfully completed our first Bariatric Surgery (Sleeve Gastrectomy)!
Under the guidance of Professor Dato’ Dr. Nik Ritza Kosai, our Bariatric Surgeon Dr. Azna performed the procedure together with our dedicated Surgery Team.A heartfelt thank you and congratulations to… pic.twitter.com/dh8HWEtIYL
— IGMH (@igmhmv) December 2, 2025
މި އޮޕަރޭޝަންކުރެއްވީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބެރިއަޓްރިކް ސާޖަރީއަށް ޚާއްސަ ޑޮކްޓަރު، ޑރ. އަޒްނާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މި އޮޕަރޭޝަންގައި މުޅި ސާޖަރީ ޓީމާއި އިތުރު ވަގުތުގައި މަސައްކަތްކުރި ނަރުހުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމުން ބައިވެރިވިކަން އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.

ބެރިއަޓްރިކް ސާޖަރީއަކީ ހަޖަމުކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ އޮޕެރޭޝަނެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ޚިދުމަތް ފެށުމާ ގުޅިގެން މާލޭ ހޮސްޕިޓަލްސް ގްރޫޕް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާޤް ޙަލީމް ‘އެކްސް’ގައި ރޭ ކުރެއްވި ޕޯސްޓެއްގައި، މި އޮޕަރޭޝަން ކުރެވެން ފެށުމުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނިމުމަކަށް ގެނެވޭނެ ކަމަށެވެ.
އޭގެ ތެރޭގައި، ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނޭ ކަމަށް ހަލީމް ލިޔުއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު