Advertisement
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބަޖެޓުގައި ތަފްސީލު ނުޖަހަނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތަކަށް ޖާގަ ދޭން: މިނިސްޓާރ ޒަމީރު

ދައުލަތުގެ ބަޖެޓުގައި، ކުރިއަށް އޮތް އަހަރަށް ހިންގަން ރާވާފައިވާ ތަރައްގީގެ ވަކިވަކި މަޝްރޫއުތަކުގެ ތަފްސީލު ނުހިމަނަނީ ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ޖާގަދޭން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުން ޕްރޮޖެކްޓްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން 9.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ ޖުމްލަ ބަޖެޓުގެ 14 ޕަސެންޓެވެ. އަންނަ އަހަރަށް ލަފާކޮށްފައިވަނީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Advertisement

ކެޕިޓަލް ހަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ވަކިވަކި ތަފްސީލުތަކެއް މި އަހަރުގެ ބަޖެޓުގައި ވެސް ނެތެވެ. ހަމައެކަނި ހާމަކޮށްފައިވަނީ މަޝްރޫއުތަކަށް ކުރާ ހޭދަތަކަށް ޖުމްލަކޮށް ހިނގާނެ ހަރަދުތަކެވެ.

އެކަމުގެ ކަންބޮޑުވުން އޮޑިޓާ ޖެނެރަލް ވެސް ފާޅުކުރައްވާފައި ވަނިކޮށް، މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުންތަކާއި ސުވާލުތައް މިނިސްޓަރަށް އަމާޒުވިއެވެ.

އެކަމަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، މަޝްރޫއުތަކާ ނުބައްދަލު އަދަދުތަކެއް ޖަހައި، ބަޖެޓުގައި ތަފްސީލު ހިމަނާފައިވިޔަސް، އެކަމުން އެދެވޭ ނަތީޖާއެއް ހާސިލުނުވާ ކަމަށެވެ. އެގޮތަށް މެދުވެރިވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ރަށްރަށަށް ކޮންމެހެން ބޭނުންވާ މަޝްރޫއުތަކަކީ ކޮބައިކަން މާލޭގައި ތިބެގެން ދެނެގަތުމުގެ ފުރުސަތު ނޯންނާނެތީއެވެ.

އޭގެ ބަދަލުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ސީދާ ރަށްރަށަށް ވަޑައިގެން، އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށަކަށް ބޭނުންވާ މަޝްރޫއުތައް އޮޅުންފިލުއްވައި، ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ސަގާފަތެއް ގާއިމުކުރައްވާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

“ބަޖެޓުގައި ޖަހައި މަޝްރޫއުތައް ތަންފީޒުކުރާ ކަމަށްވަންޏާ އެކަންތައް ކުރެވޭނެ އެންމެ ރަނގަޅު މެކޭނިޒަމްކަމެއް ގާއިމުކުރެވިފައި މި ވަނީ،” ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން، ރަށަކަށް ބޭނުންވާ ދާއިރާއަކުން އެންމެ ބޭނުންވާ މަޝްރޫއު ހިންގުމުގެ ޖާގަ ވަނީ ލިބިފައެވެ.

ސަރުކާރުގެ އަމާޒަކީ، ފައިސާގެ ދަތިކަމެއް ދިމާނުވެ، ސަރުކާރުން ދޭންޖެހޭ އެހީތެރިކަމެއް ފޯރުކޮށްދީ، މަޝްރޫއުތައް ވީއެންމެ އަވަހަކަށް ނިންމުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން، މި އަހަރަށް ކަނޑައެޅި ގިނަ މަޝްރޫއުތައް ވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން އެއް ބައި މަޝްރޫއުތައް ނިންމައި، އިފްތިތާހު ވެސް ކުރެވިފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.

މި އަހަރު ކުރިއަށް ގެންދަން ކަނޑައެޅި ބާކީ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތައް، މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ އަހަރު ނިމޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް