Advertisement

“އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކުރުމަށް ތަކެއްޗަށްވުރެ މުހިންމީ ސިކުނޑި”: ދުންޔާ

މިއަދު ދުނިޔެ ތަރައްޤީވެފައި އޮތް މިންވަރުން، ޤައުމެއްގެ މިނިވަންކަން ދިފާޢުކުރުމަށް ބަރު ހަތިޔާރަށްވުރެ މުހިންމީ ސިކުނޑިތައް ތަރައްޤީކޮށް އޭގެ ބޭނުން ހެޔޮގޮތުގައި ހިފުންކަމަށް، ކުރީގެ ޚާރިޖީ ވަޒީރު އަލްފާޟިލާ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހާ ގުޅުވައިގެން މެންދުރު ޓީވީން ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ، ޤައުމުގެ ދިފާޢަށް ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ޚަރަދުކުރުމަކީ މުހިންމު ކަމެއް ނަމަވެސް މިހާރުގެ ޙާލަތަށް ބަލާއިރު މިއީ މުޅިން އެހެން ގޮތަކަށް ހަނގުރާމަތަކެއް ކުރަންޖެހޭ ދުވަސްތަކެއްކަމެވެ.

Advertisement

“އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތައް ހަރުދަނާކުރުމާއި، ބައެއްގެ އަތްދަށު ނުވުމާއި އަޅުގަނޑުމެންގެ މިނިވަންކަން ހިފެހެއްޓުމާއި މިފަދަ ކަންކަމަށް ތަކެއްޗަށްވުރެ މުހިންމީ ސިކުނޑި” ކަމަށް ދުންޔާ ވިދާޅުވިއެވެ.

މިސަރުކާރުން އަސްކަރިއްޔާއަށް ކުރައްވަމުން ގެންދަވާ ޚަރަދުތަކަށް އަލިއަޅުވާލައްވަމުން ދުންޔާ ވިދާޅުވީ ދައުލަތުގެ ބަޖެޓު ކަނޑައެޅިގެންދާން ޖެހެނީ ޤައުމެއްގެ ޙާލަތާއި ސައިޒަށް ބަލާފައިކަމަށެވެ. އެހެންކަމުން، ވަކިން ޚާއްޞަކޮށް ލިމިޓެޑް ބަޖެޓެއް އޮވެ، އަޅުގަނޑުމެންގެ އާމްދަނީ ބިނާވެފައި އޮންނަ ގޮތުން އޭގެ ބޭނުންކުރެވެނީ އެންމެ ރަނގަޅަށްތޯ ބަލަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތަށް ބައްލަވާލައްވަމުން ދުންޔާ ވިދާޅުވީ، “މިއަދު މިވަނީ ޢާންމު ރައްޔިތުންގެ އިތުރުން ވިޔަފާރިތައްވެސް ވަރަށް ދަތި ޙާލަތެއްގައި” ކަމަށާއި ޑޮލަރު ލިބުމަށްވެސް ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެންމެ މުހިންމު ކަންކަމަށް ބަޖެޓު ހޭދަކުރުމާއި ޕްލޭން ކުރުމާއި ރޭވުމާ އެއްގޮތަށް ކަންކަން ގެންދިއުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގެ ޢިޤްތިޞާދު މިވަގުތު ބިނާވެފައި އޮތްގޮތުން މިފަދަ ދާއިރާތަކުން، ބޮޑެތި އެކި ޤައުމުތަކުން ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އެކަމަނާ ފާހަގަކުރެއްވީ “އަޅުގަނޑުމެން ކުރިން ގެންގުޅު ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު، މިދިޔަ ދެތިން ސަރުކާރެއްގައި ދޫކޮށްލުމަށްފަހު ވަކި ބޮޑެތި ޤައުމުތަކެއްގެ ‘ފައިބުޑަށް’ ވެއްޓިފައިވުން” ކަމަށެވެ.

އެ ސަރުކާރުތަކުގައި މުޅިންވެސް އެ ޤައުމުތަކުން ދީފައިވާ ލޯނުތަކަށާއި އެހީތަކަށް ބަރޯސާވެ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި މިނިވަންކަން ގެއްލުވާލާފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި އިތުރުވެފައިވަނީވެސް ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށް ފާހަގަކުރައްވަމުން، ދުންޔާ ވިދާޅުވީ “މި ދަރަނިތަކުގެ ފައިދާ ނަގައިގެން ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތިކުރުވައިގެން ވަކި ޤައުމުތަކެއް ބޭނުންވާ ގޮތަށް ކަންކަން ކުރުވުމުގެ ފުރުސަތު އެބަ އޮތް” ކަމަށެވެ.

އެހެންކަމުން، މިކަންކަން މިގޮތަށް ވިޔަ ނުދިނުމަށްޓަކައި “އަޅުގަނޑުމެންގެ އަމިއްލަވަންތަ ކަމަށް ރުޖޫޢަވެ، ބޭރު ޤައުމުތަކަށް ބަރޯސާނުވެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް” އިސްކަންދެއްވުމަށް، ސަރުކާރުގައި އެކަމަނާ އެދިލެއްވިއެވެ.

ދުންޔާ ވިދާޅުވީ “މިފަދައިން ކަންކަން އިންތިޒާމުކުރެވޭނެފަދަ ކެޕޭސިޓީ ހުރި، ތަޢުލީމީ، ޤާބިލު ބޭފުޅުން އަޅުގަނޑުމެންގެ ވުޒާރާތަކުގައި އެބަ ތިއްބެވި” ކަމަށާއި އެބޭފުޅުންގެ ލަފާގެ މަތިން، “ސިޔާސީ ކުރަން ނުވާ ކަންކަން ވީހާވެސް ސިޔާސީ ނުކޮށް ގެންދިއުމަކީ” އެކަމަނާގެ ނަޒަރުގައި ޤައުމަށް އޭގެން އެންމެ ފައިދާކުރާނެ ގޮތް ކަމަށެވެ.

މެންދުރު ޓީވީގައި ވާހަކަދައްކަވަމުން ދުންޔާ ވަނީ ޒުވާނުންގެ ސިކުނޑިތައް ތަރައްޤީކޮށް، އެކުދިންނަށް ކަންކަމުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި މީސްމީޑިއާގެ ދައުރަށްވެސް ބައްލަވާލައްވާފައެވެ.

“ވަކީން ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންނަށް ނަޞްރުގެ ދުވަހުގެ ހާދިސާފަދަ ކަންކަމުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް” ކަމަށާއި ތާރީޚު ލިޔެވިގެންދަނީ އެފަދައިން ކަމަށް ދުންޔާ ވިދާޅުވިއެވެ.

ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ނުފެނިތިބި އެތައް ކުދިންނެއް މިހާރު ދުނިޔޭގައި ތިބިކަމުން، އެދުވަހު ކަން ހިނގައިދިޔަ ގޮތުގެ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދީ، އެކުދިންގެ ހިތްތަކުގައި ޤައުމީ ރޫޙާއި ޤައުމީ ލޯބި އާލާކުރުމަކީ މުހިންމު ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.

މިފަދައިން ވިދާޅުވެ، ދުންޔާ ވަނީ އެކި ގޮތްގޮތުން “މިސްއިންފޮމޭޝަން” ނުވަތަ ދޮގު މަޢުލޫމާތު ފަތުރަން ކުރެވޭ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ “ފަހަކަށް އައިސް ސޯޝަލް މީޑިއާ، އަދި ވަކިން ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ބޭނުންކޮށްގެން ދޮގު މަޢުލޫމާތު ފެތުރުން ޢާންމުވެފައިވާ މިންވަރުން ގިނަ މީހުންނަށް ކަންކަމުގެ ޙަޤީޤަތް އޮޅިފައިވާ” ކަމަށެވެ.

އެހެންކަމުން “މިއީ ކެނޑިނޭޅި ކުރަންޖެހިފައިވާ ހަނގުރާމައެއް” ކަމަށާއި “އަޅުގަނޑުމެންގެ ދަރިންނަށް މާޒީގައި ހިނގާފައިވާ ކަންކަން ކިޔައިދޭއިރުވެސް އޮޅުން އަރާތަން އަންނަކަން” ދުންޔާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން “އަޅުގަނޑުމެންގެ ދަރިންނަށް މިކަންކަމުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް” ކަމަށް ވިދާޅުވެ، ދުންޔާ ވަނީ މިކަމަކީ އެއްގޮތަކުން “ލޫޒިންގ ބެޓަލް”އެއް ކަމުގައި ސިފަކުރައްވާފައެވެ.

ކުރީގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ ދުންޔާ މައުމޫން މިބީދައިން ވާހަކަދައްކަވާފައި ވާއިރު، އިއްޔެ ބޭއްވުނު ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މިއާ ދާދި އެއްފަދައަކުން ވާހަކަދައްކަވާފައެވެ.

އިއްޔެގެ ޖަލްސާގައި ރައީސް ވަނީ، ކުރީ ޒަމާންތަކުގައި ހަނގުރާމަކުރި ގޮތާއި މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި އެކި ޤައުމުތަކުން ބޭނުންކުރަމުން އަންނަ ބައެއް ޒަމާނީ އުކުޅުތަކަށް ބައްލަވާލައްވާފައެވެ.

“އަޅުގަނޑުމެންގެ އިޤްތިޞާދީ މިނިވަންކަން ނައްތާލާ، ނުވަތަ އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވައްޓާލާ، އަޅުގަނޑުމެންގެ އަމިއްލަ އަތުގައި މިއޮތް މިނިވަންކަން ނިގުޅައިގަތުމަކީ މިކަމާމެދު ނުވިސްނާ ތިބެއްޖެ ނަމަ ދާދި ފަސޭހަކަމެއް” ކަމަށް ރައީސް ވިދާޅުވިއެވެ.

ބޭރު ޤައުމުތަކުން އަބަދުވެސް އަޅުގަނޑުމެންނަށް ލޯއަޅާނެ ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެން ދިވެހީންގެ އަތުގައި އެބަހުރި ކަމަށާއި މިކަންކަމާމެދު ސަމާލުނުވާނަމަ “އަޅުގަނޑުމެން ޣާފިލުވެފައި ތިއްބައި އަޅުގަނޑުމެނަށް އެކަން ނޭނގިވެސް އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ” ކަމަށް ރައީސް ވިދާޅުވިއެވެ. އަދި “މިކަންކަމަކީ މިޒަމާނުގައި ކަނޑިއާއި ބަޑި ހިފައިގެން އައިސް ގެއްލުވާލާނެ ކަންކަން ނޫން” ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، “އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނަށް އެކަނި ތަބާވެގެންތިބި ބައެއްކަމާއި، އެއްބަހަކުން ވާހަކަދައްކާ އެއް ނަސްލަކަށް ނިސްބަތްވާ، އެއްބައިވަންތަ ބައެއްކަން” ހިމެނެއެވެ.

ރައީސް ވިދާޅުވީ، “މިކަންކަން ޙިމާޔަތްކުރުމަށް، ކޮންމެ މީހަކަށް އެކަމަށް ބޭނުންވާ ތަމްރީނާއެކު ހަތިޔާރުދިނުމަކީ ކުރެވޭނެ ކަމެއް ނޫން” ކަމަށާއި ނަމަވެސް “ކޮންމެ މީހެއް އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް” ކަމަށެވެ. އެއީ، “ﷲ ތަޢާލާ ދެއްވި ސިކުނޑިއާއި އޭގެން ވިސްނުމުގެ މަތިވެރި ނިޢުމަތް” ކަމަށް ނަޞްރުގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް، ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް