ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފަކަށް ބިރު ދެއްކުމަށް ފަހު، ބަޔަކު ފޭރިގަތް ބްރީފް ކޭސްގައި 100،000 ޑޮލަރު ހުރިކަން “ހަވާސާ”އަށް އެނގިއްޖެއެވެ.
މިއީ ބޭންކް ރޭޓު އަދި ދިވެހި ރުފިޔާ އިން ބަލާ ނަމަ، 1.5 މިލިއަން ރުފިޔާއެވެ.
ފުލުހުން ވިދާޅުވީ އެއާޕޯޓު ޓާމިނަލް އެކަކުން ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ބްރީފް ކޭސްއެއް މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 4:25 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށެވެ.
“ހަވާސާ”އަށް އެނގިފައިވާ ގޮތުގައި ދެ މީހަކު ބައިވެރިވެގެން ބްރީފް ކޭސް ފޭރިގަތީ ވަޅިން ބިރު ދެއްކުމަށް ފަހުގައެވެ. އަދި ބްރީފް ކޭސް ޖަހައިގަނެގެން، ދެ މީހުން ދުވެފައި ގޮސް އެރީ ފާލަން ކައިރީގައި އޮތް ލޯންޗަކަށެވެ.
މި ފައިސާއަކީ މިއަދު ހެނދުނު ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ދޫކުރުމަށް ގެންދިޔަ ޑޮލަރެވެ.
“ދެ މީހަކު، ވަޅިން ބިރު ދެއްކީ ބީއެމްއެލްގެ ދެ މުވައްޒަފަށް. އެ ބްރީފް ކޭސްގައި ހުރީ މިއަދު ހެނދުނު ފުރާ ދިވެހިންނަށް ދޭން ހަމަޖެހިފައިވާ ޑޮލަރުތައް. ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅޭ ވޯކްވޭގައި މިކަން ހިނގީ.” މައުލޫމާތު އެނގޭ މީހަކު ކިޔައި ދިނެވެ.
މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ބީއެމްއެލުން އަދި ނުދެއެވެ.6


ކިޔުންތެރިންގެ ހިޔާލު