ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭނުންކުރާ ލޯގޯ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.
ފުޓްބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް ބޭއްނުންކުރާ ލޯގޯ އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.
މި ލޯގޯ އިފްތިތާހުކޮށް، ދައްކާލާފައިވަނީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން އިއްޔެ ހަވީރު ބޭއްވި ފުޓްބޯޅައިގެ ހާއްސަ ފެސްޓިވަލްގެ ތެރެއިންނެވެ.
އެފްއޭއެމްގެ އައު ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވަނީ މި އަހަރަކީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރޭ އަހަރުކަމަށްވާތީ އެކަން ކުލަގަދަކޮށް ފާހަގަކުރުމުގެ މަގުސަދުގައި އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަމަށް ހާއްސަ ކޮމިޓީއެއް “ޑައިމަންޑް ޖުބިލީ ކޮމިޓީީ” ގެ ނަމުގައި އުފެއްދުމަށެވެ. އެ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންއެވެ.
ޑައިމަންޑް ޖުބިލީ ކޮމިޓީ އުފައްދާފައިވަނީ އެޑްހޮކް ކޮމިޓީއެއްގެ ގޮތުގައެވެ. އެ ކޮމިޓީ އެކުލަވާލާފައި ވަނީ ކުލަބުތަކުން ނަން ފޮނުވައިގެންނެވެ.
އެފްއޭއެމްއިން މީގެ ކުރިން ބުނީ ދިވެހި ފުޓުބޯޅައަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ރާވާފައިވާ ކަމަށާއި، އެ ހަރަކާތްތައް ކުރިއަށްދާނީ އެފްއޭއެމްގެ ކުޅިވަރު ކަލަންޑަރުގެ ތެރެއިން ކަމަށެވެ.
އަލިމަސްޔޫބީލް ފާހަގަކުރުމަށް އަންނަ އަހަރުގެ ޖޫން މަހު ހާއްސަ ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާވާފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަހުސިއްޔަތެއް ހޮވުމާއި، ފުޓްބޯޅައަށް އެންމެ ހިދުމަތްތެރި ރަށެއް ހޮވުމާއި، އަލިމަސްޔޫބީލްއާ ގުޅޭ ލަވައެއް ނެރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު