Advertisement
ޝިމަން: ފުލުހުން ކުރިން ބުނީ ޝިމަންގެ ބަޔާނެއް ނަގަން ބޭނުން ނުވާ ކަމަށް -- ފޮޓޯ: ސޯޝަލް މީޑިއާ

ފުލުހުންގެ އަތުގައި އޮއްވައި ޝިމަންގެ ފޮޓޯތައް 36 މިނެޓު ވަންދެން ހޭވިކަން ހާމަ ވެއްޖެ!

ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނުން ފޮޓޯއެއް ލީކު ކޮށްލި ކަމަށް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އެ ފޯނުގައި ހުރި ފޮޓޯތައް ބެލުމުގައި ފުލުހުން 36 މިނެޓު ހޭދަކުރިކަން ހާމަވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުކޮށް، ޝިމަންގެ ފޯނު ފުލުހުން ޖަހައިގަތީ ކޯޓު އަމުރެއް އޮތް ކަމަށް ބުނެ ބުދަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަން ހާއިރު އެވެ. އޭނާގެ ފޯނު ފުލުހުން ދޫކޮށްލީ އިއްޔެ އެވެ.

Advertisement

ފުލުހުން ފޯނު ދޫކޮށްލުމުން އެ ފޯނުގެ ބެޓަރީ ޔޫސޭޖު އަދި އެކްޓިވިޓީ ޑޭޓާތައް ބެލިއިރު އެންމެ ފަހުން ފޯނު ހުޅުވައި ސްކްރީން އޮންކޮށްގެން ބޭނުންކޮށްފައިވަނީ 47 މިނެޓު ވަންދެންކަން ހާމަވެ އެވެ. ފޯނު ހުޅުވި ކަމަށް ދައްކަނީ ބުރާސްފަތި ދުވަހު އެވެ.

އޭރު ފޯނު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭގެ ތެރެއިން 36 މިނެޓު ގޫގުލް ފޮޓޯސް އެޕް ހުޅުވައިގެން ހޭވިކަމަށް ފެންނައިރު އައިފޯންގެ ފޮޓޯސް އެޕް ތިން މިނެޓު ވަންދެން ބަލާފައިވާކަން އެނގެ އެވެ. ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހު ޝިމަންގެ ފޯނު ނުހުޅުވާކަން އެނގެ އެވެ.

ޝިމަން ފޯނުގެ އެކްޓިވިޓީ ޑޭޓާ ފެންނަ ފޮޓޯތައް

ކާކުކަން ނޭނގޭ ގޮތަށް އެކްސް އެކައުންޓެއް ހަދައި އެ ފޯނުގައި ހުރި ޝިމަންގެ ފޮޓޯއެއް ލީކު ކޮށްލީ ފޯނު އަތުލިތާ 24 ގަޑިއިރު ނުވަނީހެވެ. އެހެންކަމުން، ފޮޓޯ ލީކުވީ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރުކަން ކުރެވޭ ތުހުމަތަށް ބާރު ލިބެ އެވެ.

ނަމަވެސް، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އުސޫލެއްގެ ތެރެއިން ކަމަށް ބުނެ ދިފާއުގައި ފުލުހުން ބަޔާނެއް ވެސް ނެރުނެވެ.

“މި އުސޫލުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވާނީ ފުރިހަމައަށް ކަށަވަރުކުރެވިފަ. އެހެންކަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަން،” ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޝިމަންގެ ފޯނު ފުލުހުން އަތުލާފައި އޮއްވައި އެ ފޯނުގައި އެކަނި ހުރި ފޮޓޯއެއް ލީކު ކުރި މައްސަލަ ތަހުގީގު ކުރަން ޝިމަންގެ ގާނޫނީ ވަކީލުންގެ ޓީމުން ވެސް ވަނީ ގޮވާލާފަ އެވެ.

ޝިމަންގެ ފޯނު ހިފެހެއްޓި ވަގުތުން ފެށިގެން ފޮޓޯ ލީކުވުމާ ހަމައަށް ކަން ހިނގާފައިވާ ގޮތަށް ބެލުމުން އެ ފޮޓޯ ލީކު ކޮށްފައި ވަނީ ފުލުހުންގެ ތެރެއިން، އެ ފޯނަށް އެކްސެސް ލިބުނު މީހެއް ނުވަތަ ބަޔަކު ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ޝިމަންގެ ވަކީލުން ގަބޫލުކުރެ އެވެ.

އޭގެއިތުރުން ލީކު ކޮށްލާފައިވާ ޝިމަންގެ ޒާތީ ފޮޓޯއަކީ އޭނާގެ އުމުރުން 18 އަހަރު ވެސް ނުވަނީސް ނަގާފައިވާ ފޮޓޯއެއްކަން ޝިމަންއާ ހަވާލާދީ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ. އެހެންކަމުން ކުޑަކުއްޖެއްގެ ގޮތުގައި ޝިމަން ހުރިއިރުގެ ފޮޓޯއެއް ފުލުހުންގެ އިހުމާލުން ލީކުވުމުގެ ޒިންމާ އެ މުއައްސަސާއިން އުފުލަން ޖެހޭނެ ކަމަށް ރޭ ނެރުނު ބަޔާނުގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް