Advertisement

ބިޑަކާނުލާ މަޝްރޫޢު ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފި

ދައުލަތުގެ ބައެއް މަޝްރޫޢުތައް ވާދަވެރި ބީލަމަކަށް ހުޅުވައިނުލައި، ސަރުކާރުން ބޭނުންވާ ފަރާތަކަށް ސީދާ ދެވޭ ގޮތަށް، ދައުލަތުގެ މާލިއްޔަތު ގަވައިދަށް އިއްޔެ އިސްލާހު ގެނެސް އަމަލުކުރަން ފަށައިފިއެވެ.

މި ބަދަލުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުން ނުވަތަ އޭގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި ކެޓަގަރީގެ މަޝްރޫޢުތައް ބިޑަކާ ނުލައި ދިނުމުގެ ފުރުސަތު ސަރުކާރަށް ހުޅުވިގެންދާނެއެވެ.

Advertisement

މާލިއްޔަތު ގަވައިދަށް އިއްޔެ ގެނެސްފައިވާ އިސްލާހާއެކު، ”ސިންގަލް ސޯސް ޕްރޮކިއުމަންޓް“ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ޚިދުމަތް ހޯދުމާ ގުޅޭ ގަވައިދުތަކަށް ބޮޑު ބަދަލެއް އައިސްފައިވެއެވެ. މިގޮތުން ގަވައިދުގެ 10.20 ވަނަ މާއްދާގެ (ށ-1) އަށް ގެނައި އިސްލާހުގައި ވަނީ، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއ،ި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއ،ި ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތަކުގެ ގޮތުގައި ކަމާގުޅޭ ދައުލަތުގެ އޮފީހަކުން ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހެޅުމުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫޢުތައް ”ސިންގަލް ސޯސް ޕްރޮކިއުމަންޓް“ ގެ އުސޫލުން ކުރިޔަށް ގެންދެވިދާނެ ކަމަށެވެ. ”ސިންގަލް ސޯސް ޕްރޮކިއުމަންޓް“ އަކީ ވާދަވެރިކަމަށް ހުޅުވާނުލައި، ސީދާ ވަކި ފަރާތަކުން ތަކެތި ނުވަތަ ޚިދުމަތް ހޯދުމަށް ކިޔާ ނަމެކެވެ.

މި އިސްލާހުގެ ސަބަބުން، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅުންހުރި ނުވަތަ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢެއްގެ ގޮތުގައި، އަދި ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި ކަނޑައަޅައިގެން، ސަރުކާރަށް ބޭނުން ކޮންމެ މަޝްރޫޢެއް ވެސް ބޭނުން ކޮންމެ ކުންފުންޏަކަށް ބިޑަށް ހުޅުވައިނުލައި ދެވޭނެއެވެ.

މީގެ ކުރިން މި ގަވައިދުގައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ގޮތުގައި ދައުލަތުގެ މަސައްކަތެއް ކުރިއަށް ގެންދެވޭނީ ވާދަވެރި ބީލަމަކަށް ވަގުތުނެތް ހާލަތްތަކުގައި ނުވަތަ އޭގެ އަގުގެ ގޮތުން ވާދަވެރި މާޙައުލެއްގައި އެ ބީލަމަކަށް ތަރުޙީބު ލިބިދާނެކަމަށް ނުފެންނަ ހާލަތްތަކުގައި ހޯދަން ބޭނުންވާ އެއްޗެއް ނުވަތަ ޚިދުމަތެއް އެކަށީގެންވާ ގޮތެއްގައި ހޯދުމަށް ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތެއް އެކަށީގެންވާ ގޮތެއްގައި ކުރުމަށް ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މި ހިނގައިދިޔަ މުއްދަތުގައި ސަރުކާރުގެ ގިނަ މަޝްރޫއުތައް ހަވާލުކުރަމުން އައިސްފައިވަނީ ވާދަވެރި މާހައުލެއް ނެތި ސަރުކާރު ކުންފުނިތަކާއެވެ.

މިގޮތަށް ގެންދިޔުމުގެ ސަބަބުން އަމިއްލަ ކުންފުނިތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މި އިސްލާހާއެކު މަޝްރޫޢުތައް ސީދާ ހަވާލުކުރުމުގެ ފުރުސަތު އިތުރަށް ބޮޑުވެގެންދާނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް