ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި އޮތް އެމްޑީޕީގެ އެކްޓިވިސްޓެއްގެ ފޯނުން މަޢުލޫމާތު ލީކުކުރި މައްސަލައާއި ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މިއީ އެމްޑީޕީން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި މުޒާހަރާގައި ބައިވެރިވި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އައިޝަތު ޝިމަންގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ވަނިކޮށް އެ ފޯނުގައި ހުރި ޝިމަންގެ ޒާތީ ފޮޓޯތަކެއް ލީކުވި މައްސަލައެކެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެ ފޮޓޯތައް ލީކުކޮށްލީ ފުލުހުންނެވެ.
މީގެއިތުރުން އެމްޑީޕީގެ ހުޅުމާލޭ ދާއިރާގެ ރައީސް ޒާޔާ ފާތިމަތުގެ ފޯނުވެސް ފުލުހުން ހިފަހައްޓާފައި ވަނިކޮށް އެ ފޯނުގައި ހުރި ޒާޔާގެ ބައެއް ޒާތީ ވީޑިއޯ ތަކެއްވެސް ވަނީ ލީކުވެފައެވެ.
މިކަމާއި ގުޅިގެން ޝާހިދު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން އިދިކޮޅު އެކްޓިވިސްޓެއްގެ އަމިއްލަ މަޢުލޫމާތު ލީކުވެފައިވުމަކީ ދައުލަތުގެ ފަރާތުން ކުރެވޭ ބިރު ދެއްކުމެއްނޫން އެހެން އެއްވެސް ގޮތަކަށް ނުބެލެވޭނެ ކަމެއް ކަމަށެވެ.
The leak of opposition activist's private content from her phone while it was in police custody is nothing short of state sponsored intimidation.
The Maldives government is one that tries to terrorise women into silence.
As a member and Vice President of @UN_HRC, the #Maldives…
— Abdulla Shahid (@abdulla_shahid) October 12, 2025
ޝާހިދު އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރަކީ އަންހެނުން އަނގަ ބަންދު ކުރުމަށްޓަކައި ބިރުދައްކައި ނުރައްކާތެރިކަން ކުރިމަތި ކުރުވަން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ. މިފަދަ އަމަލު ތަކަކީ ގަބޫލު ކުރެވޭނެ ކަންކަން ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އދ. ގެ އިންސާނީ ޙައްގުތަކާބެހޭ ކައުންސިލުގެ މެންބަރެއްގެ ގޮތުގައި އަދި ނައިބު ރައީސްގެ ގޮތުގައި، ދިވެހި ރާއްޖެއިން އަންހެނުންގެ ހައްގުތަކާއި ގަދަރު ރައްކާތެރި ކުރުމަށް މަސައްކަތް ކުރުން އެދެވިގެންވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޒުވާން އެކްޓިވިސްޓުންނާ ދެކޮޅަށް އަނިޔާއަކީ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
މި ނުބައި ބާރުގެ ބޭނުން ކުރުން ކުށްވެރި ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށްވެސް ޝާހިދު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު