Advertisement
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު: އޭނާ ގޮވާލެއްވީ އޭސީސީ އާއި އޮޑިޓު އޮފީހުގެ މަސައްކަތްތައް އަދާހަމަ ކުރަން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ މައްސަލަތައް ނުބެލޭނަމަ އޮޑިޓު އޮފީހުގެ ބޭނުމެއް ނެތް: ފިއްޓޭ

ހިނގަމުންދާ ސަރުކާރެއްގެ މައްސަލަތައް، އެ ސަރުކާރު ނިމުމުގެ ކުރިން ނުބެލޭނަމަ އޮޑިޓާ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކޮންމެ އަހަރަކު ބޮޑު ބަޖެޓެއް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިހާރު ބަހުސް ކުރަމުން ގެންދާ މިދިޔަ ސަރުކާރުގެ ފެނަކައިގެ ހާއްސަ ރިޕޯޓާއި ގުޅިގެން ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ މިފަދަ މައްސަލަތައް ބަލަން ޖެހޭ ކަމަށާއި ނަމަވެސް ފެންނަ މަންޒަރަކީ ކޮންމެ ސަރުކާރެއް ނިމުމުން ކުރީ ސަރުކާރުގެ މައްސަލަތައް ބަލަން ފަށާ މަންޒަރު ކަމަށެވެ. އަދި، އޮޑިޓު އޮފީހާއި އޭސީސީގެ ތަހުގީގުތައް އަދާހަމަ ކުރުމަށް ޒިޔާދު ގޮވާލެއްވި އެވެ.

Advertisement

“އަޅުގަނޑުމެން މި ދަންނަވަނީ، އަދާހަމަ ކުރާށޭ. މިއަދުން ފެށިގެން މިއަދު. މި ސަރުކާރުން ކުރާ ކަންކަން މި ސަރުކާރުގަ ނުބެލީ ކަމުގެ ވެއްޖިއްޔާމު އޮޑިޓާ ޖެނެރަލްގެ އޮފީހެއް ހަދާފަ ބޮޑު ބަޖެޓެއް އެތަނަށް ކަނޑައެޅުމުގެ މާނައެއް ނެތް. އޭސީސީ އެއް އެތަނުގައި ބަޖެޓު ދީފައި ބޭއްވުމުގެ މާނައެއް ނެތް،” ޒިޔާދު ވިދާޅުވި އެވެ.

މި އަހަރު އޮޑިޓު އޮފީހަށް 127 މިލިއަން ރުފިޔާގެ ބަޖެޓެއް ދިން ކަމަށާއި އެ ހަރަދުކޮށްގެން ނެރެވުނީ ކުރީ ސަރުކާރުން މީގެ ހަތަރު އަހަރު ކުރިން ފެނަކައިން ކަން ކޮށްފައިވާ ގޮތުގެ ހާއްސަ އޮޑިޓު ރިޕޯޓެއް އެކަނި ކަން ޒިޔާދު މިއަދު ފާހަގަކުރެއްވި އެވެ.

“މަހުން މަހުން އޮޑިޓު ކުރާނަމަ. ދުވަހުން ދުވަހަށް އޮޑިޓު ކުރާނަމަ، މިކަންކަމެއް އަޅުގަނޑުމެންނަކާ ކުރިމައްޗެއް ނުވާނެ. މިއަދު އަޅުގަނޑުމެން މި ވާހަކަ ދައްކަން ޖެހެނީ އަޅުގަނޑު ވެސް ގަބޫލުކުރަން އެއް ވެރިކަން ނިމި އަނެއް ވެރިކަމުގައި އަދި ދެ އަހަރު ތިން އަހަރު ފަހުން އޮޑިޓު ރިޕޯޓެއް އައިމަ އަޅުގަނޑުމެން ރައްޔިތުންގެ ޓެކްސް ފައިސާއިން މި ކުރާ ހަރަދު އެންމެ ރަނގަޅު ގޮތުގައިތޯ އެ ކުރެވެނީ، ރައްޔިތުން، އިއްޒަތްތެރި ރައީސް، މިހާރު އެބަ ސުވާލުކުރޭ،” ޒިޔާދު ވިދާޅުވި އެވެ.

މަހުން މަހަށް، އަހަރުން އަހަރަށް އޮޑިޓު ރިޕޯޓުތައް ނާންނަ ނަމަ އަދި ކޮރަޕްޝަނުގެ ތަހުގީހުތައް ނުކުރެވޭ ނަމަ އޮޑިޓު އޮފީހާއި އޭސީސީ އޮތުމުގެ އެއްވެސް ބޭނުމެއް އޭނާއަށް ނުފެންނަ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

އޮޑިޓު އޮފީހުން ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓެެއް އާންމުކުރީ އެމްޑީޕީން ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން ދަނިކޮށް، ސެޕްޓެމްބަރު 25، ގެ ރޭ ދަންވަރު އެވެ.

އެ އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މީގެތެރެއިން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ވެރިޔާ އަހުމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު އޭނާއާ އާއިލީ ގޮތުން ގުޅުންހުރި ތިން ކުންފުންޏަކާއެކު ގިނަ އެއްބަސްވުންތަކެއް ހަދައި 31 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި

އެމްއެމްއޭގެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި މައްސަލައެއް އޭސީސީން ބަލަނީ

ބޯހިޔާވަހިކަމުގެ ބަޖެޓުން އަދި ޚަރަދުކުރީ އެންމެ 5 ޕަސެންޓް