ރާއްޖޭގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ބާއްވާ “ޕްރިންސިޕަލް ކޮންފަރެންސް 2025” މިއަދު ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކްރޮސްރޯޑުގައި ކުރިއަށްދާ މި މަހާސިންތާގައި 210 ޕްރިންސިޕަލުން ބައިވެރިވެއެވެ.
މި މަހާސިންތާ އިފްތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއަހަރުގެ މަހާސިންތާގެ ހާއްސަ ކަމަކީ މީގެ ކުރިން ބޭއްވި މިފަދަ މަހާސިންތާތަކާ ހިލާފަށް، މުދައްރިސުންގެ ހިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބޮޑަށް ބިނާކޮށްފައިވުމެވެ.
މި މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 210 ޕްރިންސިޕަލުން ބައިވެރިވެވަޑައިގަންނަވައެވެ. މި މަހާސިންތާގެ މައިގަނޑު މަގްސަދަކީ ސްކޫލްތައް ހިންގުމުގައި އާއި ޕްރިންސިޕަލުންނަށާއި އަދި ޓީޗަރުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން ރަނގަޅުކުރުމަށްޓަކައި މަގުފަހިކުރުމެވެ.

ތައުލީމީ ވުޒާރާއިން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިފަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާއަކީ މީގެ ކުރިން ބޭއްވި މިފަދަ މަހާސިންތާތަކާ ތަފާތު ތަޖުރިބާއެއް ދިނުމަށް އެކުލަވާލާފައިވާ މަހާސިންތާއެކެވެ. މި އަހަރުގެ މަހާސިންތާގެ ބިނާކުރެވިފައިވަނީ ސީދާ މުދައްރިސުންގެ ލެވަލްގައި މަޝްވަރާކޮށްގެން ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ހަގީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުން ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ބޮޑެތި މަޝްވަރާތަކެއް ކުރިއަށްގެންދާނެއެވެ. މީގެ އިތުރުން ތައުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް ތަފްސީލީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތައުލީމީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ޕްރިންސިޕަލުންގެ މަހާސިންތާތައް ބާއްވާފައިވަނީ މުދައްރިސުންގެ ބައިވެރިވުމަކާ އެކުގައި ނޫކަމުގައެވެ. އޭރުގެ މަހާސިންތާތަކަކީ ޕޮލިސީ ކަރުދާސްތައް ފޮނުވައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޕްރިންސިޕަލުންނާއި މުދައްރިސުންނާ މަޝްވަރާކޮށް އެމީހުންގެ ރެކޮމެންޑޭޝަންތައް ހިފައިގެން އަންނަ ގޮތަކަށް ބާއްވަމުން އައި ކޮންފަރެންސެއް ނޫނެވެ.
މި މަހާސިންތާގެ ތެރެއިން، ޕްރިންސިޕަލުންނަށް ތައުލީމީ ދާއިރާގައި ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލުތައް ހޯދުމަށް އެއްބާރުލުން ދިނުމަކީ ވެސް ވުޒާރާގެ އަމާޒެކެވެ.


ކިޔުންތެރިންގެ ހިޔާލު