Advertisement

ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 20 ބިލިއަން ރުފިޔާއަށް އަރައިފި

މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ހާމަކޮށްފިއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، ދެ ބިލިއަން ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 18 ބިލިއަން ރުފިޔާއެވެ. ޓެކްސް އާމްދަނީ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ދައުލަތަށް އާމްދަނީ ލިބޭ ބައެއް މުހިންމު ޓެކްސްތަކަށް ގެނެވުނު ބަދަލުތަކާއި، އެ ތަކެތީގެ އަދަދު ބޮޑުކުރުން ހިމެނެއެވެ. އެގޮތުން، ގްރީން ޓެކްސް، ޑިޕާޗާ ޓެކްސް، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އަދި ޓޫރިސްޓު ގަވަރމެންޓް ސަރވިސް ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ.

Advertisement

ޓެކްސްގެ ބާވަތްތަކަށް ވަކިވަކީން ބަލާއިރު، މި އަހަރުގެ މިހާތަނަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 869 މިލިއަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި މި އަހަރު 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ނުވަ މަހު ގްރީން ޓެކްސް އިން ލިބިފައިވަނީ 808 މިލިއަން ރުފިޔާއެވެ.

އަދި، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ވެސް މި އަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 887 މިލިއަން ރުފިޔާގައެވެ.

ދައުލަތަށް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ވަންނަނީ ޓީޖީއެސްޓީން ކަމަށް މީރާއިން ފާހަގަކުރެއެވެ. މިއީ ދައުލަތަށް ވަންނަ ޖުމްލަ ޓެކްސްގެ 32 ޕަސެންޓެވެ. މި އަހަރުގެ ފުރަތަމަ ނުވަ މަހު ޓީޖީއެސްޓީގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީރާއިން ހާމަކުރި ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހު އެކަނި ވެސް ޓެކްސް އާއި އެހެން ފީތަކާ އެކު ދައުލަތަށް ތިން ބިލިއަން ރުފިޔާ ވަދެފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 31 އިންސައްތަ އިތުރުވުމެކެވެ.

ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީގެ 79 އިންސައްތަ ލިބެނީ ޑޮލަރުންނެވެ. މި އަހަރުގެ ފުރަތަމަ ނުވަ މަހު ޑޮލަރުން 851 މިލިއަން ޑޮލަރު މީރާއަށް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް