ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު 9 ގައި ރަސްމީކޮށް ހުޅުވަން ނިންމައިފިއެވެ.
ހަނިމާދޫ އެއާޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު “ހަވާސާ” އައް މިއަދު ވިދާޅުވީ އެއާޕޯޓު ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް އެ ކުންފުނީގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ. އެއާޕޯޓް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މި ފަހުން އެމްއޭސީއެލް އިން ވަނީ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

ޝަރީފް ވިދާޅުވީ އަންނަ މަހު 9 ގައި އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓާ އެމްއޭސީއެލް ހަވާލުވިއިރު، އެއާޕޯޓުގައި އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރަން ޖެހުނެވެ. ޝަރީފް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާ ހަވާލުވުމުން އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށެވެ.
އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑާ ހަވާލުކޮށްގެން ތަރައްގީ ކުރާ ހަނިމާދޫ އެއާޕޯޓު މަޝްރޫއަކީ އުތުރުގައި ކުރިއަށްދާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އޮކްޓޯބަރު 2022، ވަނަ އަހަރު ފެށި މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯން އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިދިޔަ މެއި މަހު “ހަވާސާ” އައް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަން ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ވާނީ ރާއްޖޭގައި މިހާރު ހުރި އެއާޕޯޓުތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް އެއާޕޯޓަށް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 2.5 ކިލޯމީޓަރުގެ ރަންވޭއެއް އަޅައި މިދިޔަ އަހަރު އޮކްޓޯބަރުގައި ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި އާ ރަންވޭއެއް އެޅިއިރު، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރެވޭނެއެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. މި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެއެވެ.

މި މަޝްރޫއުގައި ފްލައިޓަށް އެރުމަށް އެއިރޯ ބްރިޖްތައް ވެސް ހިމެނެއެވެ.
މި މަޝްރޫއާއެކު، މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު