ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި އެޓާނީ ޖެނެރަލްގެ އޮފީހުގައި ކުރިން މަސައްކަތްކުރި ޝިނާން ހިމެނޭހެން ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
ޝިނާނަކީ މިހާރު ޕީއެސްއެމްގެ ގާނޫނީ ވަކީލުގެ އިތުރުން ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި ކުރިން މަސައްކަތްކުރެއްވި ގާނޫނީ ވަކީލެއްކަން ‘ހަވާސާ’އަށް ވަނީ އެނގިފައެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަނީ 2023 ވަނަ އަހަރު އެ އޮފީހުން ވަކިވެފައެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ. އެއީ، ނާއްޕެއާއި، އަލީ އަޝްރަފް (35އ)/މ އެތުމާ، ލުހާން ސަޢީދު (41އ)/ޕެރިސް ގދ. ވާދޫ، އަދި އިބްރާހިމް ޝިނާން އަހުމަދު (33އ) ހ. ފިނިކުރިއެވެ.
ފުލުހުން ބުނީ، ހަތަރު މީހުން ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އެ ތަނުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާ އެކުގައި ކަމަށެވެ. އަދި، ހައްޔަރުކުރި ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާއެއްޗެއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންނަށް ކޮށްފައިވަނީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ކުށުގެ ދައުވާއެވެ.
އެ ގޮތުން، ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނެއެވެ. އެކަމަކު، އެ ކުދިންނަށް ކުރި އަނިޔާއާއި އެކްސްޕްލޮއިޓްކުރިގޮތާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު