އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ސަރުކާރަށް ޑިމާންޑްކުރި ފަސް ކަންތައްތައް ފުރިހަމަ ނުކުރާ ނަމަ، އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު އިތުރު މުޒާހަރާއެއް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ނިންމައިފިއެވެ.
މި ގަރާރު ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމީ މަޖިލިހުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީން ކުރި ފަސް ޑިމާންޑް
1- ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބަދަލުކުރުން
2- ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި ދޭން ފެށުން
3- ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އުވާލުން
4- މީޑިއާ ރެގިއުލޭޝަންގެ ބިލް އުވާލުން
5- އާސަންދަ އާއި ބޭސްފަރުވާ އަދި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން
އެމްޑީޕީން ނޮވެމްބަރު 17 ގައި މުޒާހަރާ ކުރަން ރޭވިއިރު، އެދުވަހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރޭ ދުވަހެެވެ.
އެމްޑީޕީން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުން ފެށީ އާޓިފިޝަލް ބީޗުންނެވެ. ވަކި ހިސާބުން މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީ މަގަށް ނުކުމެ، އެ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައެވެ. އެކަމަކު، އެއީ ފުލުހުންނާއި އެމްޑީޕީއާ ދެމެދު އެއްބަސްވި ގޮތާ ހިލާފު ރޫޓަކަށްވާތީ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައިފައެވެ.
އެއާއެކު، މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ކުރިމަތިލައިފައެވެ. އެ ހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން ޕެޕާ ސްޕްރޭގެ އިތުރުން ސޮނިކް ވެޕަން ވެސް ބޭނުންކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު