އޮޕަރޭޝަން އުޑާން ފެށުމުގެ ކުރިން ސީ ޕްލޭން އޮޕަރޭޓްކުރާގޮތް ދަސްކުރަން އިންޑިއާގެ ވަފުދެއް ރާއްޖެ އަންނަން ތައްޔާރުވަމުންދާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އިންޑިއާގެ މައިގަނޑު ސަރަހައްދީ ވައިގެ ގުޅުވައިލުމުގެ ޕްރޮގްރާމް ކަމަށްވާ ”އުޑާން” ސްކީމްގެ ފަސް ވަނަ ފޭސްގެ 5.5 ވަނަ މަރުހަލާ ތައާރަފްކުރުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގެ ކާމިޔާބު ސީ ޕްލޭން އޮޕަރޭޝަންތައް ދިރާސާކުރުމަށް އިންޑިއާގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް އަންނަން މިވަނީ ނިންމާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ވަފުދުގެ ދިރާސާއަކީ އިންޑިއާގައި ސީ ޕްލޭންގެ ހިދުމަތްތައް ފުޅާކުރުމަށް ވަރަށް މުހިންމު ދިރާސާއެކެވެ. ރާއްޖޭގައި ސީ ޕްލޭންގެ ހިދުމަތްތައް ހިންގުމުގެ ފުރިހަމަ އުސޫލުތަކާއި ހުނަރުތައް ތަރައްގީކޮށްފައި ވާތީ، ގާތްގަނޑަކަށް 100-120 ދެ އިންޖީނުގެ ސީ ޕްލޭން ކޮންމެ ދުވަހަކު 600 ދަތުރުކޮށް، 5000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަކީ އިންޑިއާއަށް މިފަދަ ހިދުމަތްތައް އެގައުމުގައި ގާއިމުކުރުމަށް އެންމެ ރަނގަޅު މިސާލު ދައްކުވައިދޭ ގައުމެއްގެ ގޮތުގައި އިންޑިއާއިން ގަބޫލުކުރެއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލުން ހިމެނޭ ވަފުދެއް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެ ކަމަށާއި، މި ދަތުރުގެ މަގުސަދަކީ ރާއްޖޭގެ ސީ ޕްލޭންގެ ދާއިރާގައި ހަރުދަނާކޮށް ގާއިމުވެފައިވާ ނިޒާމު ދިރާސާކުރުން ކަމަށް އިންޑިއާގެ މިޑިއާތަކުން ބުނެއެވެ.
މީގެ އިތުރުން، މި ދިރާސާ ދަތުރުގައި ރާއްޖޭގެ ގަވާއިދުތަކުގެ އޮނިގަނޑުތަކާއި، ގަވާއިދުތަކަށް ތަބާވާނެ ގޮތްތަކާއި، އޮޕަރޭޝަނަލް އެންމެ ރަނގަޅު އުސޫލުތައް ބަލައި އިވެލުއޭޓް ކުރާނެއެވެ.
މިއީ އިންޑިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ވަފުދެއް ރާއްޖެއަށް މިފަދަ ދިރާސާއަކަށް އަންނަ ތިންވަނަ ފަހަރެވެ. ކުރިން އައި ދެ ވަފުދުންވެސް ރާއްޖެއިން ވަރަށް މުހިންމު މައުލޫމާތުތަކެއް ހޯދާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު