މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އެކުލަވާލާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ކަނޑައެޅުމުގެ އިންތިހާބުގައި 353 އަށް މީޑިއާއަކަށް ވޯޓުލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، އޮކްޓޫބަރު މަހުގެ 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިހާބުގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ލިސްޓު އާންމުކޮށްފައިވާ ކަމަށެވެ.
އެ ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ. ލިސްޓްގައި 353 މީޑިއާއެއް ހިމެނެއެވެ. ނަމަވެސް އޭގެ ތެރޭގައި ނުހިންގާ ބައެއް މީޑިއާތައް ވެސް ހުރިކަން ވަނީ ފާހަގަވެފައެވެ.
އީސީން ވިދާޅުވީ އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ މިއަދުން ފެށިގެން މާދަމާގެ މެންދުރު 3:00 ގެ ނިޔަލަށް ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުން ކަމަށާއި ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށް އީސީން ވިދާޅުވިއެވެ. ޝަކުވާ ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް އަށް ކަމަށް ވެސް އީސީން ވިދާޅުވެފައިވެއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނުގެ ތިން މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ބާކީ ހަތަރު މެންބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. އިސީން މިހާރު ހުޅުވާލާފައި ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރުން ހޯދުމަށެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ މީހުން މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން އީސީން ވަނީ އަންގާފައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން މެންދުރު 2:00 އަށް އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 3:00 އިން 5:00 އަށެވެ.
އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމުގެ ފޯމު ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓް ކޮމްޕްލެކްސްގެ ފަސް ވަނަ ފްލޯއަށެވެ.


ކިޔުންތެރިންގެ ހިޔާލު