އަމާޒަކީ ރާއްޖޭގެ ރަށްތަކުގެ މުއްސަނދިކަން އިތުރުކޮށްދޭ ފަތުރުވެރިކަމުގެ މޮޑެލްއެއް ގާއިމްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ މެހެމާންދާރީ ވަނީ މުޅި ދުނިޔޭގެ މަގްބޫލްކަން ހޯދާފައި ކަމަށެވެ.
“ކޮންމެ އަތޮޅަކަށް އަދި ރަށަކަށް ތަރައްގީގެ މަގު ފަހިކޮށްދިނުމަށް ފުރުސަތު ހުޅުވާލުމުގައި ސަރުކާރުން ދެމި ތިބޭނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމާޒަކީ ރައްޔިތުންނާ ގުޅޭ ފަތުރުވެރިކަމުގެ މޮޑަލެއް ބިނާކުރުން ކަމަށެވެ. އަދި އެ މޮޑަލްގެ ޒަރިއްޔާއިން އާމްދަނީ އިތުރުވެ ދިވެހި ރަށްތަކުގެ މުއްސަނދިކަން އިތުރުވެގެން ދިއުމަކީ އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
On #WorldTourismDay, we celebrate the spirit of Maldivian hospitality that continues to captivate the world.
We remain committed to inclusive growth by extending opportunities to every atoll and every community. Our aim is to build a resilient, people-centric tourism model that… pic.twitter.com/Ou26Cm1mS4
— Dr Mohamed Muizzu (@MMuizzu) September 27, 2025
ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަގްވާމީ ގޮތުން އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރެއްގެ 27 ސެޕްޓެމްބަރުގައި މި ދުވަސް ފާހަގަކުރަމުން އަންނައިރު، އެ ދުވަހަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ދުވަހެކެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ “ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޮމޭޝަން” އެވެ.
މިއަހަރުގެ ޝިއާރުން ބާރުދެނީ ފަތުރުވެރިކަން ތިމާވެއްޓާއި އިންސާނުންނަށް ފައިދާ ކުރާނެ ގޮތައް ކުރިއެރުވުމެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކުރުމަށްވެސް ބާރުއަޅައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރުއެވެ. ރާއްޖޭގެ ފަތުރުވެރިކަން ފެށި ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ރާއްޖެއިން އަންނަނީ އެ ސިނާއަތުގައި ކުރިއެރުންތައް ހޯދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު